މިމަހު މިހާތަނަށް 78،500 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތް ކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ހިއްސާކުރި އެންމެ ފަހުން ތަފާސްހިސާބުތައް ދައްކާގޮތުންގައި ރާއްޖެއަށް މިމަހު 16 ވަނަ ދުވަހާ ހަމައަށް 78،500 ފަތުރުވެރިން އައިސްފައިވާ ކަމަށެވެ.

މީގެ ތެރޭގައި ޖެނުއަރީ މަހު 131،764 ފަތުރުވެރިން، ފެބްރުއަރީ މަހު 149،008 ފަތުރުވެރިން އަދި މާޗް މަހު މިހާތަނަށް 78،500 ފަތުރުވެރިން ހިމެނެއެވެ. މިއާއެކު މިއަހަރު މިހާތަނަށް ރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 359،272 އަށް އަރާފައެވެ.

މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވަނީ ރަޝީޔާއިންނެވެ. އެގައުމުން 49،364 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވާއިރު އިނގިރޭސިވިލާތުން 40،672 ފަތުރުވެރިން އަދި އިންޑިއާއިން 36،349 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ.

ރާއްޖޭގައި މިވަގުތު އޮޕަރޭޝަނަލް ހާލަތުގައި 54،340 އެނދު ހުރިއިރު އޭގެތެރޭގައި 163 ރިސޯޓުގައި 38،928 އެނދު، 654 ހޮޓެލް، ގެސްޓްހައުސްގައި 12،630 އެނދު އަދި ސަފާރީ އުޅަނދުފަހަރުގައި 2920 އެނދު ހިމެނެއެވެ.

ކޮވިޑަށް ފަހު 2020 ޖުލައިގައި ބޯޑަރު ހުޅުވާލިފަހުން ރާއްޖޭގެ ފަތުރުވެރިކަން އަންނަނީ ދުވަހުން ދުވަހަށް ރަނގަޅުވަމުންނެވެ. މިދިޔަ އަހަރު ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން އައިސްފައިވާއިރު، މިއަހަރު ދެ މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެންނަން ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. އަދި އެކަމަށް ދަނީ މަސައްކަތް ކުރަމުންނެވެ.