ޕީޕީއެމް އާއި ޖުމްހޫރީ ޕާޓީއަށް ފައިސާ ދޫކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފިނޭންސް މިނިސްޓްރީއަށް އަންގައިފިއެވެ.

ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޭ ފައިސާ, ހަތަރު ޕާޓީއަކަށް ދިނުމަށް ނިންމާފައިވާއިރު އެއީ ޕީޕީއެމާއި ޖޭޕީގެ އިތުރުން އެމްޑީޕީ އަދި އަދާލަތު ޕާޓީއެވެ.

އީސީގެ ނައިބު ރައިސް އިސްމާއިލް ހަބީބު ވިދާޅުވީ 10،000 މެންބަރުންނަށް ވުރެ ގިނައިން ތިބި ހަތަރު ޕާޓީގެ ތެރެއިން، އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓު މިދިޔަ ހަފްތާގައި ޕީޕީއެމާއި ޖުމްހޫރީ ޕާޓީން ހުށަހަޅާފައިވާ ކަމަށެވެ.

މިގޮތުން މިދިޔަ ހަފްތާގައި ޖޭޕީ އަށާއި ޕީޕީއެމަށް ފައިސާ ދޫކުރަން އަންގާފައިވާ ކަމަށް ހަބީބު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އެމްޑީޕީ އާއި އަދާލަތު ޕާޓީގެ ރިޕޯޓުތައް މި މަސް ނިމުމުގެ ކުރިން ހުށަހެޅުމުން ފައިސާ ދޫކުރުމުގެ ކަންކަން ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުން ދައްކާ ގޮތުން، ސިޔާސީ ޕާޓީގެ ގޮތުގައި 11 ޕާޓީއެއް ރަޖިސްޓްރީކޮށްފައިވެއެވެ. އޭގެ ތެރެއިން 3،000 މެންބަރުން ހަމަނުވާ ހަތަރު ޕާޓީއެއް އެބައޮތެވެ. އެ ޕާޓީތަކަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އާއި، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ) އާއި، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ޑީއާރުޕީ އާއި، މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީއެވެ.

މި ޕާޓީތަކުން ތިން މަސް ދުވަހުގެ ތެރޭގައި އެ އަދަދު ހަމަކުރަން ތިން މަސްދުވަހުގެ ނޯޓިސް ދޭން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ކަމަށް އީސީ ވަނީ ބުނެފައެވެ.