ޔޫކްރައިންއާއެކު ސުލްހަ ގާއިމު ކުރުމަށްޓަކާ ކޮންމެހެން ހަމަވާންޖެހޭ ޝަރުތުތައް، ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިން ހާމަ ކުރައްވައިފިއެވެ.

ޕޫޓިން މިކަން ހާމަ ކުރެއްވި ބުރާސްފަތި ދުވަހުގެ ވަގުތެއްގައި، ތުރުކީވިލާތުގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުގާންއާ ފޯނުން ގުޅުއްވާ، ދެއްކެވި ވާހަކަފުޅުގެ ތެރޭގައި ކަމަށް ހަބަރު ލިބެއެވެ.

ޕޫޓިންއާއި އުރުދުގާންގެ ފޯނު ކޯލުގައި ބައިވެރިވެވަޑައިގެންނެވި އެއް ބޭފުޅަކީ އުރުދުގާންގެ އިސް މުޝީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިބްރާހީމް ކަލިންއެވެ.

ބީބީސީއަށް ދެއްވި ބަސްދީގަތުމެއްގައި ކަލިން ވިދާޅުވީ، ރަޝިއާގެ ޑިމާންޑްތައް ފެތެނީ މައިގަނޑު 2 ކެޓަގަރީއަކަށް ކަމަށެވެ. އަދި ފުރަތަމަ 4 ޑިމާންޑަކީ، އެކަންކަން ފުރިހަމަ ކޮށްދިނުމަށް ޔޫކްރައިންއަށް މާ ދަތިވާނެ ޑިމާންޑްތަކެއް ނޫން ކަމަށްވެސް ކަލިން ވިދާޅުވިއެވެ.

ރަޝިއާއިން ކުރިމަތި ކުރި ޝަރުތުތަކުގެ ތެރެއިން އެންމެ މުހިންމު ޝަރުތަކީ، ޔޫކްރޭނުން ވަކި ފަރާތަކަށް ނުޖެހުމާއި، ނޭޓޯގެ މެންބަރު ކަމަށް ހެދި ހުށަނޭޅުން ކަމަށް މައުލޫމާތު ލިބެއެވެ. ޔޫކްރައިންގެ ރައީސް ވްލޮޑޮމީރް ޒެލެންސްކީ މިހާރުވެސް ވަނީ މިފަދަ އިޝާރާތެއް ކުރައްވާފައެވެ.

މީގެ އިތުރުން ޔޫކްރައިންގައި ހުރި ހަތިޔާރުތައް ނައްތާލުމުގެ މަރުހަލާއެއް ކުރިއަށް ގެންދަން ޖެހެއެވެ. އެއީ ޔޫކްރައިންއަކީ ރަޝިއާއަށް އޮތް ނުރައްކަލެއް ނޫން ކަން ކަށަވަރު ކުރުމުގެ ނަމުގައެވެ. މީގެ އިތުރުން ރަޝިއާ ބަހަކީ ޔޫކްރައިންގެ ރައްކާތެރި ކުރެވިފައި ވާ ބަހެއްކަންވެސް ކަށަވަރު ކޮށްދޭން ޖެހެއެވެ.

ދެވަނަ ކެޓަގަރީއަކީ ފުރިހަމަ ކުރުން އުނދަގޫ ޑިމާންޑްތައް ހުރި ކެޓަގަރީއެވެ. އެއީ ޕޫޓިންއާއި ޒެލެންސްކީ އެއްތަނެއްގައި ބައްދަލު ކުރައްވައިގެން، ދުރާލާ އެއްބަސްވެވަޑައިގަންނަވާ ޖެހޭ ކަންތައްތަކެއް ހުރި ކެޓަގަރީ ކަމަށް މައުލޫމާތު ލިބެއެވެ. އެކަންކަމުގެ ތަފްސީލުތަކެއް ކާލިން ދެއްވާފައެއް ނުވެއެވެ. ނަމަވެސް ޔޫކްރައިންގެ މައި ސަރުކާރުން ވައިކިވެގަނެގެން އުޅޭ ޑޮންބާސް ސަރަހައްދާއި، ކްރައިމިއާގެ މަސްރަހުގެ ކަންކަން، މިކަމުގެ ތެރޭގައި އެކުލެވޭ ކަމަށް ހަބަރު ލިބެއެވެ.

ޔޫކްރައިންގައި ރަޝިއާ ކުރަމުންދާ ހަނގުރާމާގައި ހަމަލާ ބަދަލު ކުރުންތައް ހުއްޓާލާ، މީހުންގެ ފުރާނައާއި މުދަލާއި ތަކެއްޗަށް ގެއްލުން ދިނުން ހުއްޓާލި ކަމުގައި ވީ ނަމަވެސް، ސުލްހައިގެ އެއްބަސްވުމަކަށް ރަސްމީ ހައިސިއްޔަތު ލިބުމަށް ދުވަސް ނަގާނެ ކަމަށް ބެލެވެއެވެ.