އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް އަކަށް އާދަމް ޝާމިލް އަދި ނައިބު ރައީސްގެ މަގާމަށް އަބްދުއްސަލާމް ހަމަޖައްސައިފިއެވެ.

ޝާމިލް އެންމެފަހުން ހުންނެވީ ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުގެ އިންވެސްޓިގޭޝަން އެންޑް ލީގަލް ޑިޕާޓްމަންޓުގެ ޑިރެކްޓަރެއްގެ މަގާމުގައެވެ. އަދި އަބްދުއްސަލާމް އެންމެފަހުން ހުންނެވީ ވަނީ އޭސީސީގެ ސީނިއާ އިންވެސްޓިގޭޝަން އޮފިސަރުގެ މަގާމުގައެވެ.

މިއަދު އޭސީސީއަށް އައްޔަންކުރި 5 ބޭފުޅުންގެ ނަންތައް ދިރާސާކުރުމަށްފަހު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އެ ބޭފުޅުންގެ ނަންތައް ފާސްކޮށް، މިދިޔަ ހޯމަ ދުވަހު މަޖިލީހުގައި ބޭއްވި ޖަލްސާއިން ވަނީ އެ ފަސް ބޭފުޅުންނަށް ރުހުންދީފައެވެ.

އޭސީސީގައި ކުރިން ތިއްބެވި ހުރިހާ މެންބަރުން އިސްތިއުފާ ދެއްވުމުން ހުޅުވާލި ފުރުސަތުގައި އެ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ފަސް ބޭފުޅެއްގެ ނަން ރައީސް މަޖިލީހަށް ފޮނުއްވާފައިވަނީ މިދިޔަ މަހުގެ 23 ގައެވެ. އެ ނަންތައް މިދިޔަ މަހުގެ 28 ގައި މަޖިލީހުގެ ތަޅުމުގައި އިއްވައި މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް އެ ނަންތައް ދިރާސާކުރުމަށް ފޮނުވާފައިވެއެވެ. އެ ބޭފުޅުންނަކީ:

  • އާދަމް ޝާމިލް، ރަތްވިލާގެ / ތ. ވިލުފުށި
  • އަބްދުއްސަލާމް، ހަވާ / ށ. ނަރުދޫ
  • ތޯހާ މުހައްމަދު، ކަޅިހާރުގެ / އދ. މާމިގިލި
  • ޝަޒްނާ ހާޝިމް، ރިހިވިލު / ހދ. ނޮޅިވަރަންފަރު
  • ޝިޔާމާ މުހައްމަދު، ނާރެސް / ރ. ހުޅުދުއްފާރު

މި މެންބަރުންގެ ތެރޭގައި ހިމެނޭ ތޯހާ ވަނީ ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީގެ މެންބަރުކަން ކުރައްވައިފައެވެ. އަދި، ޝަޒްނާ ހުންނެވީ ހައުސިން މިނިސްޓްރީގެ ޑިރެކްޓަރެއްގެ މަގާމުގައި ކަމަށްވާއިރު، ޝިޔާމާ ހުންނެވީ އިލެކްޝަންސް ކޮމިޝަންގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުގައެވެ.

އޭސީސީއަށް މެންބަރުން އައްޔަނު ކުރުމަށް މަޖިލީހަށް ނަންތައް ފޮނުވައި، އެ ނަންތައް މަޖިލީހުން ފާސްކޮށް، މިއަދު އެ ބޭފުޅުން މަގާމަށް އައްޔަން ކުރައްވާފައިވަނީ ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތު ފަހަނަހަޅައި ދިއުމުންނެވެ.