ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން 'ބީއެމްއެލް ސްމޯލް ގްރާންޓްސް' ފަންޑް އިފްތިހާހުކޮށްފިއެެވެ.

ބީއެމްއެލް އިން ބުނީ މިއީ ނޮވެންބަރު މަހު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހިންގުމަށް ނިންމާފައިވާ އެއް ހަރަކާތް ކަމަށެވެ.

ބީއެމްއެލް ސްމޯލް ގްރާންޓްސް ފަންޑް ހުޅުވާލެވިފައިވަނީ ޖަމިއްޔާތަކުން ހިންގަން ބޭނުންވާ ދެމެހެއްޓެނެވި ތަރައްގީއާއި ތިމާވެއްޓެށީގެ ކަންކަމަށް އަމާޒުވާ މުޖުތަމައަށް ފައިދާކުރަނިވި ޕްރޮޖެކްޓްތައް ހިންގުމަށް ކަމަށް ބީއެމްއެލް އިން ބުނެއެވެ. މި ފަންޑަށް ހުށަހެޅޭ ޕްރޮޖެކްޓް ތަކުގެ ތެރެއިން އަށް ޕްރޮޖެކްޓް ހޮވައި ކޮންމެ ޕްރޮޖެކްޓެއް ކުރިޔަށް ގެންދިއުމަށް 250،000 ރުފިޔާ ލިބޭނެ ކަމަށް ވެސް ބީއެމްއެލްއިން ބުނެއެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ ބީއެމްއެލްގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރާވާފައިވާ ހަރަކާތްތަކުގެ ތެރެއިން 5 ވަނަ ހަރަކާތެއްގެ ގޮތުގައި މި ތައާރަފްކުރެވެނީ ސްމޯލް ގްރާންޓްސް ޕްރޮޖެކްޓް ކަމަށެވެ. މި ހިލޭ އެހީގެ ދަށުން ކުދި އަދި މެދު ފަންތީގެ މުޖުތަމައަށް ފައިދާކުރަނިވި ތިމާވެށީގެ މައްސަލަތަކަށް އަމާޒުކޮށް ހިންގޭ ޕްެރޮޖެކްޓް ތަކަށް އެހީތެރިކަން ލިބިގެންދާނެ ކަމަށް ޓިމް ސޯޔާ ވިދާޅުވިއެވެ.

މި އެހީއާކު ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދައި، މުޖުތަމައުއަށް ދެމެހެއްޓެނިވި ތަރައްގީއެއް ގެނެވޭނެ. އަޅުގަނޑުމެންގެ އުންމީދަކީ މިދާއިރާގައި މަސައްކަތްކުރައްވަމުންދާ ވީހާވެސް ގިނަ ޖަމިއްޔާތަކަކުން މި ފުރުސަތުގެ ބޭނުންކޮށް މުޖުތަމައަށް ބަދަލުގެނެސްދިނުން.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ

ބީއެމްއެލްއިން ބުނީ، މި އެހީއަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ މޭ 15، 2022 ކަމަށެވެ. އަދި ޑިސެންބަރު 31، 2021 ގެ ކުރިން ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ޖަމިއްޔާތަކަށް މި ހިލޭ އެހީއަށް އެދި ހުށަހެޅޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުނެއެވެ.

40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ކޮންމެ މަހަކު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން މިހާތަނަށް ހިންގާފައިވާ ހަރަކާތްތަކުގެ ތެރޭގައި ޖަނަވަރީގައި ބީއެމްއެލް ސްޓާޓްއަޕް ގްރާންޓް، ފެބްރުވަރީގައި ހައުސިން ގްރާންޓްގެ އިތުރުން ނޮވެންބަރުގައި ބީއެމްއެލް ސްކޮލާޝިޕް ފަންޑު އަދި ޑިސެންބަރުގައި ގައުމީ ކުތުބުހާނާ އިތުރަށް ތަރައްގީކޮށް ޒަމާނީ ބަދަލުގެނައުން ހިމެނެއެވެ.