ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންއަކީ ހަނގުރާމައިގެ ޖަރިމާ ހިންގަވާފައި ޖިނާއީ ކުށްވެރިއެއް ނުވަތަ "ވޯ ކުރިމިނަލް" އެއް ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވި ވިދާޅުވުމަށް، ރަޝިއާއިން ރައްދު ދީފިއެވެ.

ރަޝިއާ ސަރުކާރުގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ވިދާޅުވީ، ޕޫޓިންއަކީ "ވޯ ކުރިމިނަލް" އެއް ކަމަށް އެމެރިކާގެ ރައީސް ވިދާޅުވި ވިދާޅުވުމަކީ ބަލައިގަނެވޭނެ، އަދި މައާފު ދެވޭނެވެސް ކަމެއް ނޫން ކަމަށެވެ.

ވޮޝިންގްޓަންގައި ހުންނަވާ، ނޫސްވެރިންނާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން، ރަޝިއާގެ ލީޑަރަށް އިޝާރާތް ކުރައްވާ، ބައިޑަން ވަނީ، އެއީ "ވޯ ކުރިމިނަލް" އެއް ކަމަށް ވިދާޅުވެފައެވެ.

ބައިޑަންގެ މި ފާޑުވިދާޅުވުން ދިފާއު ކުރައްވަމުން ވައިޓްހައުސްގެ ޕްރެސް ސެކްރެޓަރީ ޖެން ސާކީ ވިދާޅުވީ، ބައިޑަން ޖަވާބު ދެއްވީ "ސީދާ ސުވާލަށް" ކަމަށެވެ.

ބޭރުގެ ހުދުމުހުތާރު ވެރިއަކު ގައުމަކަށް އަރާ، ބިރު ދައްކާ، ހިންގަމުންދާ ނާތަހުޒީބު އަމަލުތައް އެންމެންނަށްވެސް ފެންނަމުން ދާ ކަމަށް ސާކީ ވިދާޅުވިއެވެ. އެގޮތުން ހޮސްޕިޓަލުތަކަށް ގެއްލުން ދިނުމުގެ އިތުރުން އާންމު ފަރުދުންނާއި، މާބަނޑު މީހުންނާއި ނޫސްވެރިންނާއި އެނޫންވެސް މީހުން މަރަމުން ދާ މަންޒަރު ފެންނަ ކަމަށް ސާކީ ވަނީ ވިދާޅުވެފައެވެ.