ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގެ ތެރެއިން ފޭސްބުކާއި އިންސްޓާގަރާމްގައި ޗެލެންޖެއް ފައްޓަން އިއުލާން ކޮށްފިއެވެ.
މި ޗެލެންޖް އިއުލާން ކުރީ، ޓޫރިޒަމް މިނިސްޓްރީއާއި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އާއި ޓޫރިޒަމް އިންޑަސްޓްރީގެ އެހެން ސްޓޭކް ހޯލްޑަރުން ގުޅިގެން މި މަހުގެ 14 އިން 16 އަށް އިންޑިއާގެ މުމްބާއީގައި ބޭއްވި ޓޫރިޒަމް ފެއާ "އައުޓް ބައުންޑް ޓްރެވަލް މާކެޓް" ގެ ހަވާސާގައި ބޭއްވި އިންވެސްޓްމަންޓް އެންޑް ކަނެކްޓިވިޓީ އިވެންޓްގައެވެ.
އެ އިވެންޓުގައި ފަތުރުވެރިކަމުގެ ރަން އަހަރުގެ ތީމް ސޯންގް "ނަލަ ނަލަ ރާއްޖެ" އިޝްތިހާރު ކުރުމާއި ގޯލްޑަން ޖުބްލީގެ އެކި އެކި ހަރާކާތްތަކުގެ ތެރެއިން ފޭސްބުކް އާއި އިންސްޓެގްރާމްގައި ވީޑިއޯ ޗެލެންޖެއް ކުރިއަށް ގެންދިއުމަށް ވަނީ އިއުލާން ކޮށްފައެވެ. މިއިވެންޓުގައި ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދު الله މައުސޫމްގެ އިތުރުން ދިވެހިރާއްޖެ އިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޑރ. ހުސައިން ނިޔާޒް އާއި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބް މުހައްމަދާއި މިނިސްޓްރީ އޮފް ޓޫރިޒަމްގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު އާތިފާއި އިންޑަސްޓްރީގެ އިސްބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.
ދިވެހިރާއްޖޭގެ ޓޫރިޒަމް އިންވެސްޓްމަންޓާއި ކަނެކްޓިވިޓީ ފަހިކުރުމުގެ ގޮތުން ވަކިން ހާއްސަކޮށް ތިލަދުންމައްޗާއި މިލަދުން މަޑުލުގެ ފަތުރުވެރި ކަމަށް އަމާޒު ކޮށްގެން ބޭއްވި މި އިވެންޓުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ނ. އަތޮޅު ކައުންސިލާއި ހދ. އަތޮޅު ކައުންސިލުން ވަނީ ބައިވެރިވެފައެވެ. އިންޑިއާގެ އިންވެސްޓަރުންނާއި އެއާލައިން އޮޕަރޭޓަރުންނާއި ޓްރެވަލް ޓްރޭޑް މީޑިއާ ބައިވެރިވި މި އިވެންޓުގައި ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާއި ކަނެކްޓިވިޓީގެ ފުރުސަތުތަކުގެ މައުލޫމާތާއި ރާއްޖޭގެ ފަތުރުވެރިކަމުގެ މައުލޫމާތު ހިއްސާކޮށް، ފަތުރުވެރިކަމުގެ މުއާމަލާތްތައް ކުރުމުގެ މަޝްވަރާތައް ވަނީ ކޮށްފައެވެ.
ޓޫރިޒަމަށް 50 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން ސޯޝަލް މިޑިއާގެ ދެ ޕްލެޓްފޯމެއްގައި ވީޑިއީ ޗެލެންޖަކަށް ހުޅުވާލާފައިވާ އިރު، އެކަމާ ބެހޭ އިތުރު ތަފްސީލް އަދި ޓޫރިޒމް މިނިސްޓްރީން ހާމައެއް ނުކުރެއެވެ.