ޖަޕާނުގެ އިރުއުތުރު އައްސޭރިފަށުގެ ސަރަހައްދަށް ބާރުގަދަ ބިންހެލުމެއް އައިސް، ވެރިރަށް ޓޯކިޔޯގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑި، ސުނާމީގެ އިންޒާރު އިއުލާން ކޮށްފިއެވެ.

ޖަޕާންގެ ޕަބްލިކް ބްރޯޑްކާސްޓާ (އެންއެޗްކޭ) އާ ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، ރެކްޓާ މިންގަނޑުން 7.3 ގެ ބާރު މިނުގައި ބިން ހެލުން އައީ، އެއްވެސް މީހަކަށް ކޮޅަށްވެސް ނުހުރެވޭހާ ގަދައަށެވެ. ޔޫރަޕިއަން-މެޑިޓަރޭނިއަން ސީސްމޮލޮޖިކަލް ސެންޓާ (އީއެމްއެސްސީ) އިން ބުނާ ގޮތުގައި ބިންހެލުން އައީ ރެކްޓާ މިންގަނޑުން 7.4ގެ ބާރު މިނުގައެވެ.

ޓޮކިޔޯ އިލެކްޓްރިކް ޕަވާ ކޮމްޕެނީއިން ބުނީ 2 މިލިއަނެއްހާ ގޭބިސީއިން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި ވާ ކަމަށެވެ. އަދި ފުކުޝީމާ ނިއުކްލިއާ ރިއެކްޓަރުގެ ހާލަތު ބަލަމުން އަންނަ ކަމަށެވެ.

ޖަޕާނުގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ފުކުޝީމާ، މިޔާގީ އަދި ޔަމަގާޓާ ޕްރީފެކްޗާއަށް އިތުރު ލޮޅުންތައް އެރުން އެކަށީގެންވާ ކަމުގެ އިންޒާރު ދީފައެވެ.

ފުކުޝީމާއަކީ، 2011 ވަނަ އަހަރުއައި ބާރުގަދަ ބިންހެލުމަކާ ގުޅިގެން ކާރިސާއަކާ ކުރިމަތިލާންޖެހުނު ފުކުޝީމާ ޑައިޗީ ނިއުކްލިއާ ޕްލާންޓް ހުންނަ ސަރަހައްދެވެ. 2011 ވަނަ އަހަރުގެ ހާދިސާއަށް ފަހު އެ ޕްލާންޓުގެ މަސައްކަތްތައް އަލުން ފަށާފައެއް ނުވެއެވެ.

ޖަޕާންގެ ބޮޑުވަޒީރު ފޫމިއޯ ކިޝީޑާ ވަނީ، ބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުންތައް ބެލުމުގެ މަސައްކަތްތައް، ޖަޕާންގެ ސަރުކާރުން ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

ހދ ހަނިމާދޫއާ 7653 ކިލޯމީޓަރު ދުރުން އައި މި ބިންހެލުމުގެ އަސަރު، ރާއްޖެއަށް ކުރާނެ ކަމަށް ނުފެންނަ ކަމަށް، ދިވެހިރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ހާމަކޮށްފައެވެ.