ކުރިން އަމަލުކުރަމުން އައި އިންހައުސް ހެލްތު އިންޝުއަރެންސް ސްކީމްގެ ބަދަލުގައި އެލައިޑް އިންޝުއަރެންސަށް ބަދަލުކޮށް، މުވައްޒަފުންނާއި އެ މުވައްޒަފުންގެ މައިންބަފައިންގެ ސިއްހީ ހުރިހާ ކަމެއް ކަވަރުކުރެވޭ ގޮތަށް ސްޓެލްކޯއިން ހަދައިފިއެވެ.

ސްޓެލްކޯއިން ބުނީ، އެ ކުންފުނިން ކުރިން އަމަލުކުރަމުން އައި ހެލްތު އިންޝުއަރެންސްގެ ސްކީމާ މެދު އެ ކުންފުނީގައި މަސައްކަތްކުރާ މުވައްޒަފުންގެ ކަންބޮޑުވުންތައް ހުރި ކަމަށެވެ.

އެހެންކަމުން، އެ ކުންފުނިން ކުރިން އަމަލުކުރަމުން އައި އިންހައުސް އިންޝުއަރެންސް ސްކީމް ދޫކޮށްލައި، އެލައިޑް އިންޝުއަރެންސް މެދުވެރިކޮށް، އެ ކުންފުނީގެ މުވައްޒަފުންގެ ހެލްތު އިންޝުއަރެންސްގެ ކަންކަން މިހާރު ހަމަޖައްސާފައިވާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

އެ ކުންފުނިން ބުނިގޮތުގައި، އެއާއެކު، މުވައްޒަފުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދެވިފައިވާ ކަމަށެވެ. އެ ބަދަލަށް މުވައްޒަފުން އަހުލުވެރިކުރުމުގެ މަސައްކަތް މާދަމައިން ފެށިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވީ، އެލައިޑްގެ ސްކީމްގެ ދަށުން ހަމަޖެހިފައިވާ ގޮތުން، އެ ކުންފުނީގެ މުވައްޒަފުންނަށް އެ މުވައްޒަފުންގެ މައިންބަފައިން އެ ސްކީމްގައި ބައިވެރިކުރުމުގެ އިހްތިޔާރު ލިބިގެންވާ ކަމަށެވެ.