އަފްގާނިސްތާނުގެ ލަޝްކަރު ގާހްއޭ ކިއުނު ސަރަހައްދުގެ މައި ހޮސްޕިޓަލް ތެރެއެވެ. އަވަސް ފަރުވާ ބޭނުން ވެގެން ކުޑަކުއްޖަކު ގެނެއެވެ. މަދު ސިކުންތު ކޮޅެއް ނުވެ އަނެއްކާ އިތުރު ކުއްޖަކު ގެނެއެވެ. އެ ޗޭނަށް މެދުކެނޑުމެއް ނެތެވެ. މި ދައްކަނީ، އަފްގާނިސްތާނަށް މިއަދު ކުރިމަތިލާން ޖެހިފައި ވާ ބަނޑުހައި ހޫނު ކަމުގެ ކާރިސާގެ އަސަރު ފޯރަމުންދާ، އުމުރުން އެންމެ ހަގު އިންސާނުންގެ ވާހަކައެވެ.
މުޅި ހޮސްޕިޓަލުގެ ތެރޭގައި ގުގުމަމުން ދަނީ ތުއްތު ކުދިންގެ ރުއިމުގެ އަޑެވެ. އެކުދިންނަށް އެހީއެއް ހޯދަން މައިން ކުރާ އާދޭހުގެ އަޑެވެ. ހިތަށް ދަތި ކުރުވަނިވި އެ ވޭނީ މަސްރަހުގައި ނަރުހުން މަސައްކަތް ކުރަމުން ދަނީ އެންމެ ފުރަތަމަ އެހީ ބޭނުންވާ ކުދިން ދެނެގަނެ، އެ ކުއްޖަކަށް ވީ އެންމެ އަވަހަކަށް ފަރުވާ ދެވޭތޯއެވެ. އެ ގިންތިއަށް ފެތޭވެސް ކިތަންމެ، ތުއްތު ކުދިންނެއް ހޮސްޕިޓަލުގައި އެބަ ތިއްބެވެ.
ލަޝްކަރު ގޯހްއަކީ ކާބުލްގެ ހުޅަނގު ދެކުނުން 644 ކިލޯމީޓަރު ބޭރުގައި އޮންނަ ހިލްމަންދުގެ ސިޓީއެކެވެ. މި ސަރަހައްދަކީ އަފްގާން ހަނގުރާމައިގެ ސަބަބުން އެންމެ ބޮޑަށް ސުންނާފަތިވި ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ސަރަހައްދެކެވެ.
ހޮސްޕިޓަކުގެ ކުރިޓިކަލް ކެއާ ޔުނިޓްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ ކޮންމެ 5 ކުއްޖަކުން 1 އަކީ މަރުގެ ތުންފަތްމަތީގައި އޮތް ކުއްޖެކެވެ. ހޮސްޕިޓަލުގެ ހާލަތު އިންތިހާއަށް ގޯސްވެގެން ދިޔައީ ފާއިތުވީ ހަފުތާތަކުގައި ހަލުވި ކަމާއެކު ފެތުރިގެން ދިޔަ ހިމަބިހީގެ ބަލިމަޑުކަމާއެކުގައެވެ. މި ބައްޔަކީ، ހަށިގަނޑަށް ބޭނުން ވާ މުހިންމު މާއްދާތައް ނުލިބިމުގެ ސަބަބުން މެލްނިއުޓްރިޝަންގެ ތަކުލީފުތައް އުފުލަމުންދާ ކުދިންނަށް ކުރިމަތިލާންޖެހުނު އިތުރު ވޭނެކެވެ.
ލަޝްކަރު ގޯހްގެ މައި ހޮސްޕިޓަލު ހިންގަނީ ހިލޭ އެހީދޭ ޖަމިއްޔާއެއް ކަމަށް ވާ މެޑިސިންސް ސާންސް ފްރޮންޓިއާޒްއިންނެވެ. 1.5 މިލިއަން މީހުންގެ އާބާދީއެއް އޮތް އެ ސަރަހައްދުގައި، ފުރިހަމަ ވަސީލަތްތަކާއެކު ހިންގާ މަދު ހޮސްޕިޓަލުތަކުގެ ތެރޭގައި އެ ހޮސްޕިޓަލު ހިމެނެއެވެ. ނަމަވެސް މިއަދު އެ ތަނަށްވެސް ވަނީ ނުކަތާ ވަރު ވެފައެވެ. 300 އެނދުގެ އެ ހޮސްޕިޓަލަށް، ހިދުމަތް ހޯދަން އަންނަ ޕޭޝަންޓުންގެ އަދަދު ދުވާލަކު 800 އަށް އަރައެވެ. ގިނައީ ކުޑަކުދިންނެވެ.
ހަތިޔާރު އެޅި ހަނގުރާމަވެރި ތޯލިބާން ޖަމާއަތުން އަފްގާނިސްތާންގެ ކޮންޓްރޯލް ނެގުމާއެކު އެގައުމަށް ބެރުގެ އެހީތައް މެދުކަނޑާލުން ވީ، އަފްގާނިސްތާނުގެ އާންމުންނަށް ކުރިމަތިލާންޖެހުނު އިތުރު އަނިޔާއަކަށެވެ. ރިހޭ ފައިމައްޗަށް ފޮއި ވެއްޓުނު ފަދައެވެ. ބޭރުގެ އެހީ ހުއްޓި، އިގުތިސޯދު އިނދަޖެހުމުގެ ނަތީޖާއަކަށް ވީ، ގިނަ ބަޔަކަށް ބަނޑުހައި ހޫނުކަން ތަހައްމަލު ކުރަން ޖެހުމެވެ. ބަނޑުހައިހޫނު ކަމާއެކު ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް ނުލިބި، ދިފާއީ ނިޒާމު ބަލިކަށިވެ، ސިއްހީ ނިޒާމަށް ބާރު ބޮޑުވެ ނުކަތާ ވަރުވުމެވެ.
ކުޑަކުދިންނާ ބެހޭ އދގެ އިދާރާގެ ތަފާސް ހިސާބުތަކަށް ބަލާއިރު މެލްނިއުޓްރިޝަންގެ މައްސަލަތަކުގައި އަފްގާން ހޮސްޕިޓަލުތަކުގައި އެޑްމިޓް ކުރި ކުދިންގެ އަދަދު، އޯގަސްޓް 2021 އިން ޑިސެމްބަރު 2021 އަށް ވަނީ، 2407 އިން 4214 އަށް އިތުރުވެފައެވެ.
ތަފާސް ހިސާބުތަކަށް ބެލި ދާނެ އިތުރު މަގެއްވެސް އެބައޮތެވެ. އެހެނީ، ހަނގުރާމަ ހުއްޓި މަގުތައް ހިސާބަކަށް އަމާންވުމުން، ހޮސްޕިޓަލަށް ދެވޭނެ ސަލާމަތްތެރި ރާސްތާއެއް ފެނުމުން، ހޮސްޕިޓަލުތަކަށް ދާ މީހުންގެ އަދަދު އިތުރު ވީ ކަމުގައިވެސް ބެލެވިދާނެއެވެ.
މަގުތައް އަމާންވި ނަމަވެސް، ޖީބުތައް ވަނީ ހުސްވެފައެވެ. ދަރިފުޅަށް ދޭންޖެހޭ ސިއްހީ ފަރުވާ ހޯދާ ދިނުމަށް ދަތުރު ކުރުމުގެ ހަރަދު ފޫބެއްދުމުގެ ގާބިލުކަން ނެތް ކިތަންމެ މައިންބަފައިންނެއް އަފްގާނިސްތާނުގައި އެބަތިއްބެވެ.
އަފްގާނިސްތާނުގެ ބައެއް ސަރަހައްދުތަކުގައި ކެއިންބުއިމުގެ ކަންކަން ހުރި ގޮތަށް ބަލާއިރު ބައެއް އާއިލާތަކަށް ކާން ލިބޭ ހަމައެކަނި އެއްޗަކީ ހިކި ޕާން ކޮޅެކެވެ. އެއީވެސް ހަފުތާއަކު 2 ނުވަތަ 3 ރެއެވެ. ނިދަން ދަނީވެސް ހައިބަނޑާއެވެ. ޕާންކޮޅަކީވެސް މުޅި އާއިލާގެ މެދުގައި ބަހާ ޕާންކޮޅެކެވެ. ހަނގުރާމައިގެ ސަބަބުން ފުރާނަ ގެއްލިދިއުމުގެ ބިރު އަދު ކުޑަ ވެފައި ވީ ނަމަވެސް، ބަނޑަށް ޖެހި، އަފްގާނިސްތާނުގެ ޖީލެއް ނެތި ދިއުން އޮތީ މާ ދުރުގައި ނޫންކަމުގެ ހިތްދަތި އިހުސާސްތަކުން މުޅި ގައުމު ވަނީ ނުތަނަވަސް ކުރުވާފައެވެ.