ދުނިޔޭގެ ބާޒާރަށް މިއަދު ކުރިމަތިލާން ޖެހިފައިވާ ތެލުގެ އަގުތައް އުފުލުމުގެ ކާރިސީ ޗޭނުން، ޖެޓް ފިއުލް ނުވަތަ މަތިންދާބޯޓަށް އަޅާ ތެލަށްވެސް ސަލާމަތް ވެވިފައެއް ނުވެއެވެ. ހަމަ މި ދަނޑިވަޅުގައި، ވައިގެ އުދުހުންތަކުގެ އަގުތައްވެސް ދަނީ އުފުލެމުންނެވެ.
ނަމަވެސް، ވައިގެ އުދުހުންތަކުގެ އަގު އުފުލުމުގެ އިލްޒާމު އަމާޒު ކުރަންވީ، ތެލުގެ އަގުގެ ބަދަލުގައި، ފަސެންޖަރުންގެ ޑިމާންޑް އިތުރުވުމާ ދިމާލަށެވެ. ވައިގެ އުދުހުންތަކަށް މި ދުވަސްވަރު އޮތް ޑިމާންޑް އުފުލެމުން ދަނީ ދާއިރާގެ މަންދޫބުން އަންދާޒާކޮށްގެން ތިބި ވަރަށް ވުރެ މާ ބޮޑަށެވެ.
އެމެރިކާގެ ޑެލްޓާއާއި އެމެރިކން އެއާލައިންސް ބުނީ ހުސްވި ހަފުތާއަކީ ރެކޯޑް އަދަދަކަށް ބުކިންގް ހެދި ހަފުތާއެއް ކަމަށެވެ. އަދި އެއީ މީގެ ކުރިން ދެކެފައި ނުވާފަދަ ރޭޓެއް ކަމަށް ޑެލްޓާއިން ވަނީ ހާމަކޮށްފައެވެ.
މި ހިނގާ މާލީ އަހަރުގެ 2 ވަނަ ކުއާޓަރުގައި ވައިގެ އުދުހުންތަކުގެ އަގުތަކަށް ބަދަލު އައި ގޮތަށް ބަލާއިރު 200 ޑޮލަރަށް ވިއްކާ ޓިކެޓަކަށް 15 ޑޮލަރާއި 20 ޑޮލަރާ ދެމެދު އަދަދެއް ވަނީ އިތުރު ވެފައެވެ. އެއީ މީގެ ކުރިން ލަފާ ކޮށްފައި އޮތް ވަރަށް ވުރެ 8-10 ޕަސެންޓް އިތުރު މިންވަރެކެވެ.
އެއާލައިންތަކުން ދަތުރުތަކަށް ކުރަން ޖެހޭ ހޭދައަށް ބަލާއިރު، ލޭބަރުންގެ އުޖޫރައިގެ ފަހަތުން ލިސްޓުގައި ދެން އޮތީ ހަކަތައިގެ އަގެވެ. އެމެރިކާގެ އެންމެ ވަރުގަދަ 3 އެއާލައިނުން ވަނީ ހިނގަމުން މިދާ މާލީ ކުއާޓަރުގައި، ޖެޓް ފިއުލް ގެލަނެއްގެ އަގުން 17 ޕަސެންޓާއި 33 ޕަސެންޓާ ދެމެދު އަދަދަކަށް އަގު އުފުލޭނެ ކަމުގެ އިންޒާރު ދީފައެވެ. އެއީ މީގެ އަހަރެއްހާ ދުވަސް ކުރިން ހޭދަ ކުރި މިންވަރާ އަޅާ ބަލާއިރު 47 ޕަސެންޓާއި 72 ޕަސެންޓް ދެމެދު، ބޮޑު މިންވަރެކެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އިންތިހާއަށް އުފުލެން ފެށީ ރަޝިއާއިން ޔޫކްރައިންއަށް އަރާ ހަނގުރާމަ ފެށި ހިސާބުން ކަމުގައި ވީ ނަމަވެސް، އެއާލައިންތަކުން ޓިކެޓްގެ އަގު ބޮޑު ކުރަން ފަށާފައި ވަނީ އޭގެ ކުރިންކަން ފާހަގަ ކުރަން ޖެހެއެވެ. އެއާލައިންތަކުން ޓިކެޓްގެ އަގު ބޮޑު ކުރަން ފެށީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ އޮމިކްރޯން ވޭރިއަންޓްގެ ރާޅު މަޑުވާން ފެށުމާއެކު، ވައިގެ އުދުހުންތަކަށް ބޮޑު ޑިމާންޑެއް އަންނާނެ ކަމަށް ބަލައިގެންނެވެ.