އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސް ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލާގައި އޭނާގެ ދަރިފުޅުގެ ފޮރެންސިކް ސައިކޮލޮޖިކަލް ރިޕޯޓު މުހިންމު ކަމަށާއި ނަމަވެސް އެ ރިޕޯޓު އަދިވެސް ނުލިބޭތީ ދިފާއުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންގޮސްފައި ވަނީ މޭރީގެ މަރު މައްސަލައިގައި ހަލީމަތު ލަމްހާގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ބޭއްވި އިބްތިދާއީ އަޑުއެހުމެކެވެ.

މި މައްސަލައިގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލް އަހުމަދު ނައުފަލް ވަނީ މޭރީގެ ދަރިފުޅުގެ ސައިކޮލޮޖިކަލް ރިޕޯޓު އަދި ނުލިބޭ ކަމަށާއި ދަރިފުޅު މިވަގުތު ހުރީ ފިލިޕީންސްގައި ކަމުން އެ ރިޕޯޓު ތައްޔާރު ކުރާނީ އެ ގައުމުގެ ކަމާ ބެހޭ އިދާރާތަކުން ކަމަށް ބުނެފައެވެ.

އަދި އެ ކަމަށް ނަގާނެ ދުވަހެއް ނޭނގޭ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

މޭރީ މަރުވި އިރު ދަރިފުޅު ހުރީ އެމީހުން ދިރިއުޅޭ ގޭގެ ކޮޓަރިއެއް ތެރޭ ތަޅުލައިގެން ކަމަށް އޭނާގެ ފިރިމީހާ މާވިން ބުނި ނަމަވެސް ދައުލަތުން ކުރިން ބުނި ގޮތުގައި ހާދިސާ ހިނގި ވަގުތު އެމީހުންގެ ދަރިފުޅު ގެންގުޅުނީ ލަމްހާއެވެ.

އެހެންކަމުން މި ރިޕޯޓަކީ މުހިއްމު ރިޕޯޓެއް ކަމަށް ނައުފަލް ވިދާޅުވިއެވެ. އަދި އެ ރިޕޯޓު ލިބެން ކިހާ ވަގުތެއް ނަގާނެ ކަން ދައުލަތަށް ނޭނގޭ ކަމަށާއި ފިލިޕީންސާއި ރާއްޖެއާ ދެމެދު އެއްވެސް މުއާހަދާއެއް ނެތުމާ ގުޅިގެން އަވަސް ކުރެވޭނެ ގޮތެއް ވެސް ނެތް ކަމަށް ނައުފަލް ފާހަގަ ކުރެއްވިއެވެ.

މިއަޑުއެހުމުގައި ލަމްހާގެ ވަކީލު އަބްދުﷲ ޝާއިރު ވިދާޅުވީ، އެ ދަރިފުޅު ރާއްޖޭގައި ހުއްޓައި އެ ކުއްޖާއަށް އެ މަންޒަރުތައް ފެނުނު ކަން ޔަގީން ކުރަން ދައުލަތުން މަސައްކަތް ނުކުރުމަކީ ދައުލަތުގެ ވަރަށް ބޮޑު އިހުމާލެއް ކަމަށެވެ.

ގާޒީ ހުސައިން ފާއިޒް ރަޝާދު ވަނީ އެ ރިޕޯޓަކީ ފަހުން ޝަރީއަތަށް ހުށަހެޅޭނެ ރިޕޯޓެއް ކަމާމެދު ފަހުން ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވެފައެވެ.

މިމމައްސަލާގައި ހައްޔަރުކުރި އޭނާގެ ފިރިމީހާ މާވިންގެ ދިވެހި ލޯބިވެެރިޔާ، ހަލީމަތު ލަމްހާ އަބްދުއްރަހުމާންގެ މައްޗަށް ވަނީ ތިން ދައުވާއެއް ކޮށްފައެވެ. އެ ތިން ދައުވާއަކީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވިކަމުގެ ދައުވާއާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާއެވެ.

ލަމްހާގެ މައްޗަށް މި ތިން ދައުވާ ސާބިތުވެއްޖެ ނަމަ، ދިހަ އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ފިލިޕީންސަށް ނިސްބަތްވާ، އައިޖީއެމްއެޗްގެ ޑައަލިސިސް ޔުނިޓުގައި މަސައްކަތް ކުރާ މޭރީ ގްރޭސް މަރުވީ ދަންޖެހިގެން ކަމަށް ބުނެ ސޯޝަލް މީޑިއާގައި މިދިޔަ އޮކްޓޯބަރު މަހު ވަނީ ހަބަރު ފަތުރާފައެވެ. ނަމަވެސް އޭނާ މަރުވީ ބޮލަށް ލިބުނު ބޮޑެތި ޒަހަމްތަކާ ގުޅިގެން ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.