ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީގެ "ކިންގްސް ފޮރެކްސް ޓްރޭޑިން" ކުންފުނިން ހިންގާ އިންވެސްޓްމެންޓް ފަންޑުގެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

މީޑިއާތަކަށް ދިން މައުލޫމާތުގައި ފުލުހުން ބުނީ އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، މިވަގުތު ކުރިއަށް ދަނީ މައްސަލައިގެ ތަހުގީގު ފެށުމުގެ ކުރިން ބަލަންޖެހޭ ކަންކަމުގެ މަރުހަލާ ކަމަށެވެ. އެ މައްސަލާގައި އަލްހާންގެ ކުންފުނީގެ އެކައުންޓްވެސް ފްރީޒް ކޮށްފައި ވެއެވެ.

އެކަމާ ގުޅިގެން މީގެ ދުވަސްކޮޅެއް ކުރިން ނެރުނު ބަޔާނެއްގައި އެމްއެމްއޭއިން ބުނީ، އެ ކުންފުންޏާ ދެކޮޅަށް ފިޔަވަޅު އެޅުމަށް މިހާރު ބޭންކުތަކަށް އަންގާފައިވާ ކަމަށާއި އެ ކުންފުނިން މީހުންގެ އަތުން ފައިސާ ނަގަމުން ދަނީ ފޭސްބުކާއި ޓެލެގްރާމް ފަދަ ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުންކޮށް އެކަން އިޝްތިހާރު ކޮށްގެން ކަމަށެވެ.

އެކައުންޓް ފްރީޒް ކުރިކަން ހާމަކޮށް އަލްހާން ކުންފުނި، ކިންގްސް ފޮރެކްސްގެ ޓެލެގްރާމް ގްރޫޕުގައި ނެރުނު ބަޔާނެއްގައި ބުނީ އެކަން ކުރި ވަކި ސަބަބެއް ބީއެމްއެލުން އަންގައިފައި ނުވާ ކަމަށާއި އެކައުންޓް ފްރީޒް ކުރި ނަމަވެސް މިއަދާ ހަމައަށް ދޭން ޖެހޭ ހުރިހާ ފައިސާއެއް ދީ ނިމިފައިވާ ކަމަށެވެ. އެ ޓެލެގްރާމް ގްރޫޕުގައި މިހާރުވެސް 8000 އެއްހާ މެންބަރުން އެބަތިއްބެއެވެ. އޭގެ ތެރެއިން ބައެއް މީހުން ޓްރޭޑް ކޮށް ލާރި ލިބިފައިވާ ކަމަށް ބުނެފައިވެސް ވެއެވެ.

އަދި ބީއެމްއެލުން ކުއްލިއަކަށް އެޅި ފިޔަވަޅާ ގުޅިގެން ލިބޭ ގެއްލުމުގެ ސަބަބުން ބީއެމްއެލް އަށް ދައުވާކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

ކިންގްސް ފޮރެކްސްއިން ބުނީ އެމްއެމްއޭއިން ފްރޯޑުގެ ތުހުމަތު ކުރަނީ އެ ކުންފުންޏަށް ކަމަށާއި ނުސީދާކޮށް އެ ކުންފުންޏާ ގުޅޭގޮތުން ނެރުނު ބަޔާނަކީ ކުންފުނީގެ އަގުވައްޓާލައި އިތުބާރު ގެއްލޭ ގޮތަށް ނެރުުނު ބަޔާނެއް ކަމަށެވެ.