ގުރޭޑު ފަހެއްގެ ސްކޫލް ދަރިވަރުންގެ އިނގިރޭސި ފޮތުގައި "ލާދީނީ" ފިލާވަޅެއް އޮތް މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހަޅައިފިއެވެ.

މި މައްސަލަ ހުށަހަޅާފައި ވަނީ ގިނަ އަދަދެއްގެ އިލްމުވެރިންނާއި އަދި ދީނީ ޖަމާއަތްތައް ހިމެނޭ ރައްޔިތުންގެ އިއްތިހާދުންނެވެ. އެ އިއްތިހާދުން މި މައްސަލައިގައި އާންމު ކޮށްފައިވާ ސިޓީގައި ބުނީ ރާއްޖޭގެ ސުކޫލުތަކުގައި ކިޔަވައިދޭ ފޮތެއް ކަމުގައިވާ "އެކްސްޕްލޯރިން އިންގްލިޝް ގްރޭޑް 5" ފޮތުގައި ލާދީނީ ފިލާވަޅުތަކެއް ހުރި ކަމުގެ މައުލޫމާތު އެ ޖަމިއްޔާއަށް ލިބިފައިވާ ކަމަށާއި އެ މައްސަލަ ފުލުހުހަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ ފޮތުގެ 103 ވަނަ ސޮފްހާގައި ޗާޕްކޮށްފައިވާ ފިލާވަޅުގައި ކާފަރުން އަޅުކަން ކުރާ ބާތިލު ކަލާނގެއެއްގެ ވާހަކަ ޕްރޮމޯޓުކޮށް އޭތީގެ މޮޅުކަން އެ ފޮތުގައި ގެނެސްފައިވާކަން ޔަގީންވެފައިވާ ކަމަށް އެ އިއްތިހާދުން ބުނެއެވެ. އެ ފޮތް ޝާއިއު ކޮށްފައި ވަނީ ރާއްޖޭގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އާއި ކޭމްބްރިޖު ގުޅިގެން ކަމަށް ވެސް ރައްޔިތުންގެ އިއްތިހާދުން ބުނެއެވެ.

ގްރޭޑް 5ގެ އިނގިރޭސި ފޮތުގައި އެފަދަ ފިލާވަޅެއް ޗާޕްކޮށްފައިވާ އިރު، އެ ކަމުގައި ޒިންމާ ނަގަންޖެހޭ ފަރާތްތައް ހައްޔަރުކޮށް ގާނޫނީ ފިޔަވަޅު އަޅާ، އެފަރާތްތަކާއި މެދުގައި ދައުވާ ކޮށްދިނުމަށް އެ އިއްތިހާދުން އެދިފައި ވެއެވެ. ހަމައެއާއެކު އޭގެ ހުރިހާ ޗާޕެއް ސުކޫލުތަކުން ނެގުމަށް، ނުވަތަ އެފޮތް އިސްލާހު ކުރުމަށް ކުރަން ޖެހޭ އެންމެހާ ކަންކަން ކޮށްދިނުމަށް ވެސް އެދިފައި ވެއެވެ. މީގެ އިތުރުން ކެމްބްރިޖް ޔުނިވާސިޓީން މީގެ ފަހުން މި ގައުމަށް އެއްވެސް ފޮތެއް އެތެރެ ކުރުން މަނާ ކުރުމަށް ކުރަން ޖެހޭ ކަންކަން ވީހާވެސް އަވަހަކަށް ކުރުމަށް ވެސް ވަނީ ގޮވާލާފައެވެ.

މީގެ ކުރިންވެސް ދިވެހި ސަގާފަތާ ހިލާފު ވާހަކަތައް ސްކޫލް ކުދިންގެ ފޮތްތަކުގައި ހުރި މައްސަލަތައް ވަނީ ފެންމަތިވެފައެވެ. އެ ގޮތުން ގްރޭޑް 5 ގެ ދިވެހި ފޮތުގައި ވެސް މީގެ ކުރިން މިފަދަ މައްސަލައެއް ފާހަގަވެ އާންމުން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އެއީ ގްރޭޑް 5 ގެ ދިވެހި ފޮތުގައި އަޑުއެހުމުގެ ދޭހަ ފިލާވަޅުގައި "ސާރޭ ޖަހާނސެ އައްޗާ" މި ލަފްޒު ބޭނުންކޮށްފައި އޮތުމުންނެވެ.

ހަމައެއާއެކު ގިނަ ގްރޭޑް ތަކުގެ އިސްލާމް އަދި ގުރުއާން ފޮތްތަކުގައި ހުރި އާޔަތްތަކުގައި ކުށްހުރި މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ. އެގޮތުން ގްރޭޑް 1ގެ ދަރިވަރުން ކިޔެވުމަށް މިހާރު ބޭނުންކުރާ ގުރުއާން ފޮތުގައިވާ ސޫރަތުލް ނަބާގެ 24 ވަނަ އާޔަތުގެ މެދު ތެރެއިން ވަނީ ނާޒިއާތު ސޫރަތުގެ އާޔަތްތަކެއް ވަދެ އޮޅިފައެވެ. ނަބާގެ 24 ވަނަ އާޔަތުން ފެށިގެން ނަބާ ސޫރަތުގެ 31 ވަނަ އާޔަތާ ހަމައަށް ވަނީ ނާޒިއާތު ސޫރަތުގެ 8 ވަނަ އާޔަތުން 14 ވަނަ އާޔަތެވެ.

ގްރޭޑް 2 ގެ ގުރުއާން މާއްދާގެ ދަރިވަރުންގެ ފޮތުގައި އަލަގު ސޫރަތުގެ 19 ވަނަ އާޔަތުގެ، ފުރަތަމަ ލަފްޒު ( كلا ) ވަނީ އުނިކޮށްފައެވެ. އަދި ގްރޭޑް 6 ގެ ގުރުއާން މައްދާގެ ދަރިވަރުން ފޮތުގައި ސޫރަތުލް ކައުސަރް ނިންމުމަށް ފަހު ވަނީ ދެ ކަލިމަ އިތުރު ކޮށްފައެވެ.

މީގެ އިތުރުން 10ގެ އިސްލާމީ ތަރުބިއްތު ފޮތުގެ 52 ވަނަ ސޮފްހާގައި ވާ އިސްލާމީ އަގީދާގެ ބައިގެ ފިލާވަޅުގައި ލިޔެފައިވާ ސޫރަތުލް މާއިދާ ގެ 3 ވަނަ އާޔަތުގައި ވެސް ކުށެއް އޮތެވެ. ގްރޭޑް 11 ފޮތުގެ ސޫރަތުލް ޖުމްއާގެ 10 ވަނަ އާޔަތް ވެސް ވަނީ ނުބައިކޮށް ލިޔެފައެވެ. އަދި ގްރޭޑް 12 ގެ އިސްލާމް މާއްދާގެ ދަރިވަރުން ފޮތުގައި އަސްހާބު ބޭކަލުންނާ މެދު ސުންނަތް ޖަމާއަތުގެ އަގީދާ، ފިލާވަޅުގައި ލިޔެފައިވާ ސޫރަތުލް އަންފާލުގެ 74 ވަނަ އާޔަތް ވެސް ވަނީ ނުބައިކޮށް ލިޔެފައެވެ.

މީގެ އިތުރުން ވެސް ގްރޭޑް 1 ގެ ޤުރުއާން ފޮތުގައި ދެ ސޫރަތެއް އޮޅުވާލާފައިވާ މައްސަލައަކާއި ގްރޭޑް 12 ގެ އިސްލާމް ދަރިވަރުންގެ ފޮތުގައި އާޔަތެއް ނުބައިކޮށް ލިޔެފައިވާ މައްސަލައެއް ވެސް ފެންމަތިވިއެވެ.

ގްރޭޑް 5ގެ އިނގިރޭސި ފޮތުގެ މައްސަލައިގައި އެޑިއުކޭޝަންގެ ބަހެއް އަދި ނުލިބެއެވެ.