ކޮވިޑުން ރައްކާތެރިވުމަށްޓަކައި މީގެ ދެ އަހަރު ކުރިން އިއުލާނު ކުރި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުން، މީގެ ފަހުން ޖަލުތަކުގައި އަމަލު ކުރަމުން ދާނީ އާންމު އުސޫލުތަކާ އެއްގޮތަށް ކަމަށް ކަރެކްޝަންސް އިން ބުނެފިއެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގައި އިއުލާނު ކުރި ކުއްލި ނުރައްކަލުގެ ހާލަތު އުވާލިކަން އިއުލާނު ކޮށްފައި ވަނީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ގައުމާ މުހާތަބު ކުރައްވައި ރޭ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވި ގޮތުގައި ކުއްލި ނުރައްކަލުގެ ހާލަތު އުވާލާފައި ވަނީ ކޮވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަށް ތަންފީޒު ކުރުމުންނެވެ.

ރާއްޖޭގައި ކޮވިޑް ހަލުވިކަމާއެކު ފެތުރެމުން ދިޔަ ދަނޑިވަޅުގައި، ޖަލުތަކަށްވެސް އެކަމުގެ އަސަރު ކޮށްފައި ވެއެވެ. އެގޮތުން ޖަލުތަކުންވެސް ގައިދީންނާއި ޖަލު ބަލަހައްޓާ އޮފިސަރުން ކޮވިޑަށް ޕޮޒިޓިވް ވަމުން ގޮސް ޖަލުތަކުގެ ހާލަތު ގޯސްވުމުން، އެ ތަންތަނުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، ހައިރިސްކް ބައެއް ގައިދީން ގޭ ބަންދަށްވެސް ބަދަލުކޮށްފައި ވެއެވެ.

މިއަދު ނެރުނު ނޫސްބަޔާނެއްގައި ކަރެކްޝަންސް އިން ބުނީ، ހެލްތު މިނިސްޓްރީން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުން، އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ހަދާފައިވާ އުސޫލުތައް އުވާލާފައިވާ ކަމަށާއި، ދެން އަމަލުކުރަމުން ދާނީ ޖަލުތަކުގައި އޮންނަ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން، ގައިދީންނާ ބައްދަލުކުރަން ދާ ފަރާތްތަކުން މާސްކް އަޅައިގެން ދިޔުމަށް ކަރެކްޝަންސް އިން އިލްތިމާސް ކުރެއެވެ.

ރޭ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލިކަން އިއުލާނު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ކޮވިޑުގައި ހައިރިސްކް މީހުން ރައްކާތެރި ކުރުމަށާއި، އެނދުމަތިކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންނާއި، މަރުވާ މީހުން މަދު ކުރުމަށް ގިނަ މަސައްކަތްތަކެއް ރާއްޖޭގައި ކުރެވުނު ކަމަށެވެ. އެ މަސައްކަތާއެކު މިހާރު ބަލި ފެތުރުން ކޮންޓްރޯލް ކުރެވުމުން ކޮވިޑާ ގުޅިގެން އިއުލާނު ކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ސިއްހީ މާހިރުންގެ ލަފާގެ މަތިން މިއަދުން ފެށިގެން ނިމުމަކަށް ގެނެސްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން ކުރިމަގުގައި ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން އަމަލު ކުރާނެ ނެޝަނަލް ސްޓްރެޓަޖީއާއި އެކްޝަން ޕްލޭނެއް ހެލްތު މިނިސްޓްރީން ކަނޑައަލާނެ ކަމަށް ރައީސް ވިދާޅުވިއެވެ.