ގާނޫނީ ހުސްކަމެއްގެ ތެރޭގައި މިވަގުތު އޮތް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ބޯޑަށް އައްޔަނު ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފޮނުއްވާފައިވާ ނަންތަކަށް މަޖިލީހުން ރުހުން ދީފިއެވެ.
އޭސީސީގެ ބޯޑު އެއްކޮށް ހުސްވެފައި ވަނީ މިދިޔަ ޑިސެމްބަރު މަހު، އެ ކޮމިޝަނުގެ މެންބަރުން ވަކިކުރަން ނިންމައި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ތަޅުމަށް ފޮނުވަން ފާސްކޮށްފައި ވަނިކޮށް ބާކީ ތިބި މެންބަރުން ކަމަށްވާ އެ ކޮމިޝަނުގެ ރައީސް މަރިއަމް ޝިއުނާ އާއި ފާތިމަތު އަނޫލާ އާއި އައިޝަތު އަބްދުﷲ އިސްތިއުފާ ދެއްވުމުންނެވެ.
އެއަށްފަހު، އެ މަގާމަށް ކުރިމަތިލުމަށް ރައީސް އޮފީހުން ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ފަސް ބޭފުޅެއްގެ ނަމެއް ރައީސް މަޖިލިހަށް ފޮނުއްވާފައިވާއިރު، މިދިޔަ މަހުގެ 28 ގައި އެ ބޭފުޅުންގެ ނަންތައް ތަޅުމުގައި އިއްވައި، އެ ނަންތައް ދިރާސާ ކުރުމަށްޓަކައި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ. އެއަށްފަހު ކުރިއަށް ގެންދިޔަ އިންޓަވިއުގައި އެ ފަސް ބޭފުޅުންގެ ނަންތައް ކޮމިޓީން ފާސްކޮށް، މިއަދު ވަނީ ވޯޓަށް އަހައިފައެވެ.
އެ ބޭފުޅުންނަށް ރުހުން ދިނުމަށް މިއަދު ތަޅުމުގައި ވޯޓަށް އެހިއިރު، މަޖިލީހަށް ހާޒިރުވެ ތިއްބެވީ 45 މެންބަރުންނެވެ. ނަންތައް ފާސްކުރުމަށް ބޭނުންވަނީ 22 މެންބަރުންގެ ވޯޓެވެ. މިއަދުގެ މަޖިލީހުގައި އެ ފަސް ބޭފުޅުންގެ ނަންތަކަށް ރުހުން ދިނުމަށް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
އޭސީސީއަށް އައްޔަން ކުރަން ފެނޭތޯ ރައީސް ފޮނުއްވި ނަންތަކާއި ލިބުނު ވޯޓު:
- އާދަމް ޝާމިލް، ރަތްވިލާގެ / ތ. ވިލުފުށި (42 ވޯޓު)
- އަބްދުއްސަލާމް، ހަވާ / ށ. ނަރުދޫ (43 ވޯޓު)
- ތޯހާ މުހައްމަދު، ކަޅިހާރުގެ / އދ. މާމިގިލި (ފެންނަ ކަމަށް 40 ވޯޓު، ނުފެންނަ ކަމަށް އެއް ވޯޓު)
- ޝަޒްނާ ހާޝިމް، ރިހިވިލު / ހދ. ނޮޅިވަރަންފަރު (42 ވޯޓު)
- ޝިޔާމާ މުހައްމަދު، ނާރެސް / ރ. ހުޅުދުއްފާރު (42 ވޯޓު)
ރައީސް ރައްޔިތުންގެ މަޖިލީހަށް އެ ނަންތައް ފޮނުއްވީ މިދިޔަ މަހުގެ 23 ގައެވެ. އެހެން ނަމަވެސް މަޖިލީހަށް ނަންތައް ފޮނުއްވީ ގާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތު ފަހަނަހަޅައި ދިއުމުންނެވެ. އޭސީސީގެ ގާނޫނުގައިވާ ގޮތުން، އެ ކޮމިޝަނުގެ މެންބަރަކު އިސްތިއުފާ ދެއްވައިފި ނަމަ، ދެ މަސްދުވަހުގެ ތެރޭ އައްޔަނު ކުރަން ޖެހޭނެއެވެ.