ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑުއަގު ނަގާ ޓެކްސީ ސެންޓަރުތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ޓެކްސީގެ ހިދުމަތަކީ ރެގިއުލޭޓް ކުރެވިގެން ދެވޭ ހިދުމަތަކަށްވާތީ ޓެކްސީ ރަޖިސްޓަރީ ކުރުމާއި ޓެކްސީތަކަށް ހުއްދަދިނުމާއި ޓެކްސީ ދަތުރުތަކުގެ އަގު ކަނޑައެޅުމަކީ ހިދުމަތް ހޯދާ ފަރާތާއި އަދި ހިދުމަތް ލިބިގަންނަ ފަރާތުގެ ހައްގުތައް ހިމާޔަތްކުރެވޭ ގޮތަށް ކަނޑައަޅާފައިވާ ކަމެއް ކަމަށެވެ.
ތެލަށްއައި ބަދަލާ ގުޅިގެން ޓެކްސީ ޑްރައިވަރުންގެ ފަރާތުން ހިދުމަތުގެ އަގުތަކަށް ބަދަލުގެނައުމާ ގުޅޭގޮތުން 16 ޓެކްސީ ސެންޓަރެއް ހިމެނޭގޮތަށް މިމަހު 7 ވަނަ ދުވަހު ޓެކްސީ ޑްރައިވަރުންނާއި ޓެކްސީ ސެންޓަރުތަކުން މިނިސްޓްރީއަށް ސިޓީއެއް ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ބުނީ ޓެކްސީ ސެންޓަރުތަކުން ހުށަހެޅި ކަންކަމާ ގުޅިގެން މިނިސްޓްރީން ފާހަގަކޮށްފައި ވަނީ ޓެކްސީގެ ހިދުމަތަކީ ހުރިހާ ރައްޔިތުންނާވެސް ގުޅި ލާމެހިފައިވާ އަސާސީ ހިދުމަތަކަށް ވެފައި ދެ ފަރާތުގެ ހައްގުތައް ހިމާޔަތް ކުރުމަކީ މިނިސްޓްރީގެ ޒިންމާއެއް ކަމަށްވުމާއި އަދި އަގު ކަނޑައެޅުމަކީ ޓެކްސީ ގަވާއިދުގެ ދަށުން މިނިސްޓްރީއަށް ލިބިގެންވާ ބާރެއް ކަމަށެވެ.
އަދި ޓެކްސީ ހިދުމަތުގެ އަގު ކަނޑައެޅުމަކީ ޓެކްސީތަކަށާއި ސެންޓަރުތަކަށް ގަވާއިދުގެ ދަށުން ލިބިގެންވާ ބާރެއް ނޫން ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ. މިނިސްޓްރީން ބުނީ ޓެކްސީ ސެންޓަރުތަކުން ހުށަހެޅި އެހެނިހެން ކަންކަމުގައި ވަގުތުން ފިޔަވަޅު އަޅައިދެވެން ހުރި ކަންކަމަށް ފިޔަވަޅު އަޅައި ދޭނެކަމަށާއި، އެހެންކަންކަން ހައްލުކޮށްދިނުމަށް ދެފަރާތުން މަޝްވަރާ ކޮށްގެން ގޮތެއް ހޯދާނެ ކަމެށެވެ.
ޓެކްސީ ޑްރައިވަރުންނާއި ޓެކްސީ ސެންޓަރުތަކުން އެމީހުންގެ ޑިމާންޑްތަކާއެކު ހުޅުމާލޭގައި އިހުތިޖާޖުކޮށް މިމަހު 11 ވަނަ ދުވަހު ރޭގަނޑު ހުޅުމާލެއާއި މާލެއާ ގުޅޭ ހަލިމަގު ބޭނުންކޮށްގެން ދަތުރު ނުކުރެވޭގޮތަށް ހަނި މަގު ބަންދުވާނެ ފަދަ އަމަލުތައް ބަހައްޓައި އާންމު ރައްޔިތުންނަށް ދެމުންއައި ޓެކްސީގެ ހިދުމަތް މެދުކަނޑާލައިފައިވާތީ ޓެކްސީގެ ހިދުމަތް ހޯދުމަށް ރައްޔިތުންނަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް ވެސް މިނިސްޓްރީން ފާހަގަކުރެއެވެ.
މިނިސްޓްރީން ވަނީ ޓެކްސީ ގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑުއަގެއް ނުނެގުމަށާއި އަދި ޓެކްސީގެ ހިދުމަތަށް ބުރޫ ނާރާނެ ގޮތަށް ޓެކްސީގެ ހިދުމަތް ދިނުމަށް އިލްތިމާސްކޮށްފައެވެ އަދި ގަވާއިދުން ބާރުލިބިގެން ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑުއަގު ނަގާޓެކްސީ ޑްރައިވަރުންނާއި އަދި ޓެކްސީ ސެންޓަރުތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.