ސީރިއާއަށް ހަނގުރާމައަށް ގޮސް، ހާލުގައި ޖެހިފައި ވަނިކޮށް އަނބުރާ ގެނައި އާއިލާ، އިދާރީ ބަންދެއްގައި ބޭތިއްބުމަށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރު ކޮށްފިއެވެ.

މީގެ ނުވަ އަހަރު ކުރިން ހަނގުރާމައަށް ދިޔަ އާއިލާ މިދިޔަ ހުކުރު ދުވަހު ގެނެސްފައި ވާއިރު، އެ އާއިލާގައި ހިމެނެނީ 33 އަހަރުގެ ދިވެހި އަންހެނަކާއި، 18 އަހަރުން ދަށުގެ ހަތަރު ކުޑަކުދިންނެވެ. އޭގެ ތެރެއިން ދެ ކުއްޖަކު އުފަންވެފައި ވަނީ ހަނގުރާމައަށް ގޮސް އުޅެނިކޮށް ސީރިއާގައެވެ.

އެ އާއިލާ އިދާރީ ބަންދެއްގައި ތިބުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައި ވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ އެނބުރި އަންނަ ހަނގުރާމަވެރިންނާ މެދު ހާއްސަ އިޖުރާއަތަކަށް އަމަލުކުރުމުގެ ދަށުންނެވެ

އިއްޔެ އޮތް އަޑުއެހުމުގައި 33 އަހަރުގެ ދިވެހި އަންހެން މީހާ ބުނީ، އެއީ ހަލާލް ގޮތުގައި ހޯދާފައި ތިބި ދެ ކުދިން ކަމަށާއި، ކުދިން ގޮވައިގެން ދިރިއުޅެމުން ދިޔައީ ހަނގުރާމަ ހިނގަމުންދާ ހިސާބެއްގައި ކަމަށެވެ.

ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ހޯމް މިނިސްޓްރީން ބުނީ، މީގެ އަހަރުތަކެއް ކުރިން ރާއްޖޭން ހަނގުރާމައަށް ދަތުރު ކޮށްފައިވާ ފިރިހެނުންނާއެކު ދިޔަ އެމީހުންގެ އަނބިންނާއި ދަރިން ހަނގުރާމައިގައި ހާލުގައި ޖެހިފައިވާ މީހުން ބަލަހައްޓާ ކޭމްޕްތަކުގައި ފުރާނައަށް ނުރައްކާވާ ހާލަތަށް ގޮސްފައި ތިބިކަމުގެ ޝަކުވާ، އެމީހުންގެ އާއިލާތަކުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށާއި އެކި އިދާރާތަކަށް ހުށަހަޅާފައިވާ ކަމަށެވެ.

އެހެންވެ، ވޭދުވެދިޔަ ދުވަސްތަކުގައި އެކަމަށް ހައްލު ހޯދައިދިނުމަށްޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މިއީ ދިވެހިންގެ ތެރެއިން، ބޭރުގެ ހަނގުރާމަވެރި ސަރަހައްދުތަކުގައި ތާށިވެފައިތިބި އަންހެނުންނާއި ކުޑަކުދިން އަނބުރާ ގެނައުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގުނު ފުރަތަމަ ހަރަކާތެވެ