އެމެރިކާގެ ޖައްވީ އިދާރާ (ނާސާ) އިން އަޓެމިސް 1 ގައި ފްލޭޝް ޑްރައިވެއްގައި ހަނދަށް ފޮނުވާނެ ނަންތައް އެއް ކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް ހަބަރު ލިބިއްޖެއެވެ.

އާޓެމިސް 1 އަކީ، ސްޕޭސް ލޯންޗް ސިސްޓަމް ރޮކެޓާއި އޯރިއޮން ސްޕޭސް ކްރާފްޓްއިން އިންސާނަކާ ނުލާ ޖައްވާ ކުރާ ފުރަތަމަ ދަތުރެވެ.

މި މިޝަންއަކީ އެންމެ ފުރަތަމަ އަންހެން މީހާއާއި ދޮން ނަސްލު ނޫން ނަސްލެއްގެ ފުރަތަމަ މީހާ ހަނދަށް ގެންދިއުމަށް މަގު ކޮށާދެނިވި މިޝަންއެކެވެ.

ނާސާގެ ތަރުޖަމާނު ކެތުރީން ހެމްބްލްޓަން ވިދާޅުވީ ފްލޭޝް ޑްރައިވްގައި ނަން ހިމަނައިދެނީ އެއްވެސް ފީއަކާ ނުލާ ކަމަށެވެ. މިކަން ކުރަނީ ކުރިއަށް އޮތް ތަނުގައި ހިންގާ މިފަދަ މިޝަންތަކަށް މީހުން ޝައުގުވެރި ކުރުވުމަށް ކަމަށްވެސް ހެމްބްލްޓަން ވަނީ ވިދާޅުވެފައެވެ.

ފްލޭޝް ޑްރައިވްގައި ނަން ހިމެނުމުގެ ފުރުސަތު ނާސާއިން ހުޅުވާލީ މިމަހު ކަމަށް ވާއިރު، މިހާތަނަށްވެސް މިލިއަނަކަށް ވުރެ ގިނަ ނަން ލިބިފައި ވާ ކަމަށް ހެމްބްލްޓަން ވިދާޅުވިއެވެ. ކުރިއަށް އޮތް ދޮޅު ހަފުތާއެއްހާ ދުވަހަށް މި ފުރުސަތު އޮންނާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ނާސާގެ އާޓެމިސް 1 މިޝަން އުދުއްސާލާނެ ކަމަށް ބެލެވެނީ މެއި ނުވަތަ ޖޫން މަހުއެވެ. މިއީ ފްލޮރިޑާގައި ހުންނަ ކެނެޑީ ސްޕޭސް ސެންޓަރަށް ގެނައި ޒަމާނީ ބަދަލުތަކަށް ފަހު އުދުއްސާލާ ފުރަތަމަ ފްލައިޓްވެސްމެއެވެ.