މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 300،000 އަށް ވުރެ ގިނަ ފަތުރުވެރިން އައިސްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ހިއްސާކުރި އެންމެ ފަހުން ތަފާސްހިސާބުތައް ދައްކާގޮތުންގައި ރާއްޖެއަށް މިމަހު ނުވަ ވަނަ ދުވަހާ ހަމައަށް 324،742 ފަތުރުވެރިން ވަނީ އައިސްފައެވެ.

މީގެ ތެރޭގައި ޖެނުއަރީ މަހު 131،764 ފަތުރުވެރިން، ފެބްރުއަރީ މަހު 149،008 ފަތުރުވެރިން އަދި މާޗް މަހު މިހާތަނަށް 43،971 ފަތުރުވެރިން ހިމެނެއެވެ.

މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވަނީ ރަޝީޔާއިންނެވެ. އެގައުމުން 48،173 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ އިނގިރޭސިވިލާތުންނެވެ. އެގައުމުން ރާއްޖެއަށްވަނީ 36608 ފަތުރުވެރިން އައިސްފައިވެއެވެ. އަދި އިންޑިއާއިން 31،433 ފަތުރުވެރިން ވަނީ އައިސްފައެވެ.

ރާއްޖޭގައި މިވަގުތު އޮޕަރޭޝަނަލް ހާލަތުގައި 54،340 އެނދު ހުރިއިރު އޭގެތެރޭގައި 162 ރިސޯޓުގައި 38،822 އެނދު، 651 ހޮޓެލް، ގެސްޓްހައުސްގައި 12،592 އެނދު އަދި ސަފާރީ އުޅަނދުފަހަރުގައި 2920 އެނދު ހިމެނެއެވެ.

ކޮވިޑަށް ފަހު 2020 ޖުލައިގައި ބޯޑަރު ހުޅުވާލިފަހުން ރާއްޖޭގެ ފަތުރުވެރިކަން އަންނަނީ ދުވަހުން ދުވަހަށް ރަނގަޅުވަމުންނެވެ. މިދިޔަ އަހަރު ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން އައިސްފައިވާއިރު، މިއަހަރު ދެ މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެންނަން ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. އަދި އެކަމަށް ދަނީ މަސައްކަތް ކުރަމުންނެވެ.