ޅ. މާފިލާފުށީގައި ސިފައިންގެ ތަމްރީނުތައް ހަދަމުން ދަނިކޮށް ހާލު ދެރަވި ދެ ޒުވާނުންގެ ތެރެއިން އެކަކަށް އަދިވެސް ފަރުވާ ދެމުން ދަނީ އައިސީޔޫގައި ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ތަމްރީން ތެރޭގައި ހާލު ދެރަވެ އިއްޔެ އެ ހޮސްޕިޓަލަށް ގެންދިޔަ ދެ ފިރިހެނުންގެ ތެރެއިން 19 އަހަރުގެ ޒުވާނާއަށް ފަރުވާ ދެނުން ގެންދަނީ އަދިވެސް އައިސީޔޫގައި ކަމަށެވެ. އަދި 21 އަހަރުގެ ޒުވާނާއަށް ވޯޑުގައި އެޑްމިޓުކޮށްގެން ފަރުވާ ދެމުންދާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ހާލު ދެރަވެގެން ދެ މީހަކު މާފިލާފުށިން މާލެއަށް އިއްޔެ ގެނެސްފައި ވާއިރު، މާފިލާފުށީގައި ތަމްރީންތައް ހަދަމުން ދިޔަ މީހަކު މިމަހުގެ ހަތްވަނަ ދުވަހު ނިޔާވެފައި ވެސް ވެއެވެ.

މާފިލާފުށީގައި ތަމްރީންތައް ހަދަމުން ދަނިކޮށް ނިޔާވެފައި ވަނީ ގދ. ގައްދޫއަށް ނިސްބަތްވާ ޕްރައިވެޓް މުހައްމަދު ރާފިލް ރަބީލެވެ. އޭނާ ނިޔާވެފައި ވަނީ ނޭވާލުމަށް އުނދަގޫވެގެން ފަރުވާދިނުމަށް ފަހު އިތުރު ފަރުވާއަށް ޅ. ނައިފަރު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

އެކަމާ ގުޅިގެން އެމްއެންޑީއެފުން ބުނީ އަސްކަރީ ތަމްރީނުތަކަކީ އޭގެޒާތުގައި ބުރަ އަދި ރިސްކު ހިމެނޭ ތަމްރީނު ތަކެއް ކަމަށެވެ. މި ތަމްރީނު ތަކަށް ހޮވާ ސިފައިންނަކީ، ފިޒިކަލް އަދި މެޑިކަލް ޓެސްޓުތަކެއް ހެދުމަށް ފަހު ޓްރެއިނިން ތަކުގައި ބައިވެރި ކުރާ ސިފައިންނެވެ.

ތިން މީހެއްގެ މެޑިކަލް މައްސަލަތަކެއް ދިމާވެ، އޭގެތެރެއިން އެކަކު ނިޔާވެ، ދެވަނަ މީހަކަށް އައިސީޔޫ ގައި ފަރުވާ ކުރަން ޖެހި އަދި ތިންވަނަ މީހަކު އެޑްމިޓްކޮށް ފަރުވާދޭން ޖެހުމަކީ، އެމްއެންޑީއެފް އިން ނުހަނު ކަންބޮޑުވެ ހިތާމަ ކުރާ ކަމެއް ކަމަށް ބުނެއެވެ. އަދި ބަލަންޖެހޭ ކަންކަން ބެލުމަށްޓަކާ އެކި ދާއިރާތަކުގެ އެކްސްޕާޓުން ހިމެނޭގޮތުން ވަނީ ކޮމިޓީއެއް އެކުލަވާލެވި، މަސައްކަތް ފަށާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ މިކަންކަމާ ގުޅޭގޮތުން އިތުރަށް އެއްޗެއް ބުނަން އެނގޭނީ ކޮމިޓީގެ މަސައްކަތް ނިމުމުން ކަމަށެވެ.