މާފިލާފުށީގައި ތަމްރީނުތައް ހަދަމުން ދިޔަ ސިފައިންގެ ދެ މީހެއްގެ ހާލު ގޯސްވެގެން މިއަދު މާލެ ގެނެސްފިއެވެ.

އެމްއެންޑީއެފް އިން ބުނީ، މާފިލާފުށީގައި ތަމްރީނުތައް ހަދަމުން ދިޔަ ދެ މީހެއްގެ ހާލު ގޯސްވެގެން މިއަދުގެ ވަގުތެއްގައި މާލެ ގެނެސް، އައިޖީއެމްއެޗްގައި ފަރުވާ ދެމުން ގެންދާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.

ހާލު ދެރަވެގެން ދެ މީހަކު މާފިލާފުށިން މާލެއަށް މިއަދު ގެނެސްފައި ވާއިރު، މާފިލާފުށީގައި ތަމްރީންތައް ހަދަމުން ދިޔަ މީހަކު މިމަހުގެ ހަތްވަނަ ދުވަހުގައި ނިޔާވެފައި ވެސް ވެއެވެ.

މާފިލާފުށީގައި ތަމްރީންތައް ހަދަމުން ދަނިކޮށް ނިޔާވެފައި ވަނީ ގދ. ގައްދޫއަށް ނިސްބަތްވާ ޕްރައިވެޓް މުހައްމަދު ރާފިލް ރަބީލެވެ. އޭނާ ނިޔާވެފައި ވަނީ ނޭވާލުމަށް އުނދަގޫވެގެން ފަރުވާދިނުމަށް ފަހު އިތުރު ފަރުވާއަށް ޅ. ނައިފަރު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.

މީގެ ކުރިންވެސް ސިފައިންނާއި ފުލުހުންގެ ތަމްރީން ތަކަށް ދިޔަ ބައެއް ފަރާތްތައް ވަނީ ކުއްލި ގޮތަކަށް ހާލު ސީރިއަސްވެ، ފަރުވާ ދެމުންދަނިކޮށް ނިޔާވެފައެވެ.