ހަނގުރާމައަށް ގޮސް ހާލުގައި ޖެހުނު ދިވެހި އާއިލާއެއް ރާއްޖެ ގެނެސްފައިވާ ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފިއެވެ.

ހޯމް މިނިސްޓްރީން ބުނީ މީގެ ކުރިން ހަނގުރާމަވެރި ސަރަހައްދުތަކަށް ދަތުރު ކޮށްފައިވާ ދިވެހި ރައްޔިތުންގެ ތެރެއިން ބަޔަކު ރާއްޖެއިން ބޭރުގައި ހާލުގައި ޖެހި ފުރާނައަށް ނުރައްކާވާ ދަރަޖައަށް ގޮސްފައި ވާތީ، އޭގެ ތެރޭގައި ހިމެނޭ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ފުރަތަމަ އާއިލާ މިއަދު ރާއްޖެ ގެނެސްފައިވާ ކަމަށެވެ. އަދި އެ އާއިލާގައި ދިވެހި އަންހެނަކާއި އޭނާގެ 18 އަހަރުން ދަށުގެ ހަތަރު ކުޑަކުދިން ހިމެނޭ ކަމަށް އެ މިނިސްޓްރީއިން ބުނެއެވެ.

ހޯމް މިނިސްޓްރީއިން ބުނީ މީގެ އަހަރުތަކެއް ކުރިން ރާއްޖެއިން ބޭރުގެ ހަނގުރާމަވެރި ސަރަހައްދުތަކަށް ދަތުރު ކޮށްފައިވާ ފިރިހެނުންނާއެކު ދިޔަ އެމީހުންގެ އަނބިންނާއި ދަރިން ހަނގުރާމައިގައި ހާލުގައި ޖެހިފައިވާ މީހުން ބަލަހައްޓާ ކޭމްޕް ތަކުގައި ފުރާނައަށް ނުރައްކާވާ ހާލަތަށް ގޮސްފައި ތިބިކަމުގެ ޝަކުވާ އެމީހުންގެ އާއިލާތަކުން ރައީސްއަށާއި އެކި އިދާރާތަކަށް ހުށަހަޅާ ކަމަށެވެ. އަދި އެފަދަ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅަކަށް ވުމާއެކު ވޭދުވެދިޔަ ދުވަސްތަކުގައި އެކަމަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ގިނަ މަސައްކަތް ތަކެއް ކޮށްފައިވާ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ވަނީ ފާހަގަ ކޮށްފައެވެ.