2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ޗައިނާއިން ރިޕޯޓް ކުރަން ފެށި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހިގެން މަރުވި މީހުންގެ އަދަދު، 18 މިލިއަނަށް ވުރެ މައްޗަށް އަރާފައިވުން އެކަށީގެން ވާކަމަށް، ދިރާސާ ކުރާ ފަރާތްތަކުން ބުނެފިއެވެ.
މިއީ ކޮވިޑް މަރުގެ ގޮތުގައި އާންމު ކޮށްފައިވާ ރަސްމީ އަދަދުތަކަށް ވުރެ 3 ގުނަ އިތުރު އަދަދެކެވެ.
އެމެރިކާގެ ވޮޝިންގްޓަން ޔުނިވާސިޓީގެ ކޮވިޑް-19 އެކްސެސް މޯޓާލިޓީ ޓީމުން މި ދިރާސާ ކޮށްފައި ވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން 191 ގައުމަކުން މައުލޫމާތު އެއްކޮށްގެންނެވެ.
ކޮވިޑް މަރުގެ ގޮތުގައި ފާހަގަ ކޮށްފައި ވާ ބައެއް ކޭސްތަކަކީ ސީދާ ވައިރަހުގެ ސަބަބުން ރެކޯޑް ކޮށްފައި ވާ މަރުގެ ކޭސްތަކަކަށް ވާ އިރު، އަނެއް ބައި ކޭސްތަކަކީ ބަލީގެ އިންފެކްޝަނާ ގުޅުން ހުރި އެހެން ކަންކަމާ ގުޅޭ ކޭސްތަކެވެ.
އެހެނީ ކޮވިޑަކީ، އެ ބައްޔަށް އިންފެކްޓް ވުމުގެ ކުރިން ހުރި އެހެން ބަލިތަކުގެ ތަކުލީފު ނުވަތަ ހާލަތު އިތުރަށް ގޯސް ކުރުވާ ހާލަތުވެސް މެދުވެރި ކުރުވާ ވައިރަހަކަށް ވުމެވެ. މިސާލަކަށް ދަންނަވަނީ ނަމަ ހިތާއި ފުއްޕާމޭގެ ބަލިތައް ތަހައްމަލު ކުރާ މީހުންނަށް ކޮވިޑް ޖެހުމުން، ސިއްހީ ހާލު ދެރަވުމުގެ ނުރައްކާ ބޮޑެވެ.
މި ދިރާސާގައި ވަޒަން ކުރުމަށް ބޭނުން ކުރި ނިޒާމަށް ކިއަނީ އެކްސް ޑެތްއެވެ. އެއީ ކޮވިޑްގެ ބަލިމަޑުކަން ފެތުރިގެން ދިއުމުގެ ކުރިން، ދުނިޔެއިން މަރުވެދާނެ ކަމަށް ލަފާ ކޮށްފައިވާ މީހުންގެ އަދަދަށް ވުރެ އިތުރަށް މަރުވި މީހުންގެ އަދަދުތައް އަންދާޒާ ކޮށްގެން ހަދާ ދިރާސާއެކެވެ.
އަދަދުތައް ހިސާބު ކުރުމަށް ދިރާސާ ޓީމުން ވަނީ ވޯލްޑް މޯޓާލިޓީ ޑޭޓާބޭސް، ހިއުމަން މޯޓާލިޓީ ޑޭޓާބޭސް އަދި ޔޫރަޕިއަން ސްޓެޓިސްޓީކަލް އޮފީސް ފަދަ ތަންތަނުގެ ތަފާސް ހިސާބުތަކަށް ރިއާޔަތް ކޮށްފައެވެ.
ދިރާސާގެ އަދަދުތައް ދައްކާ ގޮތުން 2020 ވަނަ އަހަރު ފެށުނު ހިސާބުން ގޮސް 2021 ގެ ނިޔަލަށް 18.2 މިލިއަން (ކޮވިޑް) މަރުގެ ކޭހެއް ވެއެވެ. ނަމަވެސް ކޮވިޑް ޖެހިގެން މަރުވި ކަމަށް ރެކޯޑް ކޮށްފައި ވާ ރަސްމީ އަދަދު އުޅެނީ 5.9 މިލިއަނުގައެވެ.
ދަ ލޭންސެޓްގައި ޝާއިއު ކޮށްފައި ވާ ދިރާސާއަށް ބަލާއިރު، ކޮވިޑް މަރުގެ ރޭޓް އެންމެ މަތީގައި އުޅެނީ ލެޓިން އެމެރިކާ، ވިލާތު، އަދި ސަބް-ސަހާރަން އެފްރިކާ ސަރަހައްދުގެ، ފަގީރު ގައުމުތަކުގައެވެ. ނަމަވެސް އިޓަލީވިލާތުގެ އިތުރުން އެމެރިކާގެ ބައެއް ސަރަހައްދުތައް ފަދަ ތަނަވަސް ހިސާބުތަކެއްވެސް މަރުގެ ރޭޓް ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭކަން ފާހަގަ ކުރަން ޖެހެއެވެ.
ކޮވިޑް-19އަކީ އާލަމީ ބަލިމަޑުކަމެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެންމެ ފުރަތަމަ ކަނޑައެޅީ މީގެ 2 އަހަރު ދުވަސް ކުރިންނެވެ. ނަމަވެސް މި ބަލި ޖައްސާ ވައިރަހުގެ އަސްލަކީ ކޮބައިކަން އަދިވެސް ހޯދިފައެއް ނުވެއެވެ. އަދި ތަހުގީގުތައްވެސް އެންމެ ފުރިހަމަ ގޮތެއްގައި ހިންގިފައެއް ނުވެއެވެ.