ރޭ ދަންވަރު މާފުށީ ޖަލަށް އެއްޗެހި ވައްދަން އުޅުނު މީހަކު މޫދަށް ވެއްޓި މަރުވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހާދިސާ ހިނގައިފާ ވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. ރޭގެ ވަގުތެއްގައި ފަތާފައި މީހަކު ޖަލާ ދިމާލުން ތޮށިގަނޑުމައްޗަށް އެރި މަންޒަރު ޖަލުގެ ސެކިއުރިޓީންނަށް ފެނުމުން އޭނާ މޫދަށް ފުންމާލީ އަމިއްލައަށް ކަމަށާއި މޫދަށް ފުންމާލި މަންޒަރު ފެނުމުން ކަރެކްޝަނަލް ސާވިސްގެ އޮފިޝަލުން އޭނާ ހޯދަމުން ދަނިކޮށް އޭނާ ފެނިފައިވަނީ މަރުވެފައި އޮއްވައެވެ.

މީގެ އިތުރުން އޭނާ ޖަލަށް ވައްދަން މަސައްކަތް ކުރި ތަކެތިވެސް އަތުލައިގެންފައިވާ ކަމުގެ މައުލޫމާތުތަކެއްވެސް "ދަ ޕްރެސް" އަށް ވަނީ ލިބިފައެވެ.

މި ހާދިސާ ހިނގިކަން "ދަ ޕްރެސް" އަށް ކަށަވަރު ކޮށްދެއްވަމުން ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިސަރަކު ވިދާޅުވީ މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.