އައްޑޫ ސިޓީގެ ލިންކް ރޯޑުގައި ހުރި ރުއްތައް ކަނޑާލާފައިވަނީ އެ ރުއްތައް ގިނަދުވަސްވެ، އެ ރުއްތަކުގެ ސަބަބުން އެ ސަރަހައްދުގައި ދުއްވާފައި ދާ ބައެއް އާންމުންނަށް ގެއްލުންވާތީ ކަމަށް، އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.
އައްޑޫގެ ލިންކް ރޯޑްގައި ހުރި ރުއްތައް ކަނޑާލާފައިވާ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެފައި ވާއިރު، އެ މައްސަލާގައި ހިޔާލު ފާޅުކުރި މީހުން ވަނީ އެކަމާ މެދު ހިއްހަމަނުޖެހުން ފާޅުކޮށްފައެވެ. އެގޮތުން ހިޔާލު ފާޅުކުރި ބައެއް މީހުން ސަރުކާރަށާއި، ކައުންސިލްގެ އިތުރުން، އީޕީއޭއަށްވެސް ފާޑު ކިޔާފައި ވެއެވެ. އަދި މިއީ ވަރަށް ބޮޑު ގެއްލުމެއްގެ ގޮތުގައިވެސް ހިޔާލު ފާޅުކުރި ބައެއް މީހުން ބުނެފައި ވެއެވެ.
މިކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން، އައްޑޫގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު އާއި ހިތަދޫ ކޮރޮވައު ކައުންސިލަރު އިބްރާހީމް ޝިނާޒް ވިދާޅުވީ، ލިންކް ރޯޑްގައި ހުރި ރުއްތައް ކަނޑާލަން ނިންމާފައި ވަނީ އެ ރުއްތަކަކީ ގިނަދުވަސްވެފައިވާ ރުއްތަކެއް ކަމަށް ވެފައި، ރޭގަނޑުގެ ވަގުތުގައި ލިންކް ރޯޑް އަނދިރިވެ، އަދި ރުއްތަކުގެ ބައިތައް ވެއްޓިފައި ހުރުމުން، އެ މަގުގައި ދުއްވާ މީހުންނަށް އުނދަގޫވާތީ އެކަމުގެ ޝަކުވާ ކައުންސިލްގައި ކުރުމުން ކަމަށެވެ.
އެގޮތުން، ލިންކް ރޯޑުގައި ދަތުރުކުރަމުން ދިޔަ ކާރެއްގެ މައްޗަށް އެ މަގުގައި ހުރި ރުއްތަކުގެ ތެރެއިން ރުކެއްގެ ފަނެއް ވެއްޓި، އެކަމުގެ ސަބަބުން ކާރަށައި އެ ކާރު ދުއްވަން އިން މީހާއަށް ގެއްލުންވެފައިވާ ކަމަށް ޝިނާޒް ވިދާޅުވިއެވެ. އަދި އެ ސަރަހައްދަށް ރުއް ބިނދިގެން ވެއްޓޭ ފަހަރު އަންނަ ކަމަށާއި އާންމުންގެ ރައްކާތެރިކަމަށްޓަކައި މިކަން ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ދެ ބޭފުޅުންވެސް ވިދާޅުވި ގޮތުގައި، ލިންކް ރޯޑުގެ ރުއްތައް ކަނޑާލުމަށް އީޕީއޭއިން އައްޑޫ ކައުންސިލަށް ހުއްދަ ދީފައި ވެއެވެ. އަދި މިކަން ކުރަމުން ދާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ދެ ބޭފުޅުންވެސް ވިދާޅުވީ، ކަނޑާލި ރުކަކަށް ރުކެއް އިންދާފައި އެކަމާ ގުޅޭ ތަފްސީލު އީޕީއޭއަށް ފޮނުވުމަށް އެ އިދާރާއިން އިރުޝާދު ދީފައިވާ ކަމަށެވެ.
އެހެންކަމުން، މިހާރު ހުރިހާ ރުއްތަކެއް ލިންކް ރޯޑުން ނަގާފައި ވާ ކަމަށާއި، އައްޑޫ ކައުންސިލްގެ ވިސްނުން މިވަގުތު ހުރީ އެ ސަރަހައްދުގައި އާ ރުއްތައް އިންދައި، އެ ސަރަހައްދުގައި މަގުބައްތި ހަރުކޮށް، ޒީނަތްތެރި ކުރުމަށް ކަމަށް ވިދާޅުވިއެވެ. އެ މަސައްކަތް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭ ފެށޭނެ ކަމަށް ޑެޕިއުޓީ މޭޔަރު ޝުއާއު ވިދާޅުވެފައި ވާއިރު، ޝިނާޒް ވިދާޅުވި ގޮތުގައި، އެ މަސައްކަތް ކުރުމަށް އައްޑޫގެ ކުރީގެ ކައުންސިލުންވެސް އޮތީ ރާވާފައެވެ.
އަދި ލިންކް ރޯޑް ރީތިގޮތަކަށް ޒީނަތްތެރިކޮށް މި މަސައްކަތް ނިމުމުން، އަންނަން ހުރި ޖީލުތަކަށް މިކަމުގެ ސަބަބުން މަންފާކުރާނެ ކަމަށްވެސް ޝިނާޒް ވިދާޅުވިއެވެ.