ރަޝިއާއިން ޔޫކްރައިންގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ބާޒާރުގައި ކާބޯތަކެއްޗާއި ހަކަތައިގެ އަގު މިހާރު އުފުލެމުންދާ ވަރަށް ވުރެވެސް ބޮޑަށް އުފުލި، ކަންބޮޑުވުންތަކާއެކު މެދުއިރުމައްޗާއި އެފްރިކާ ސަރަހައްދުގައި މުޒާހަރާތަކާ އިޖުތިމާއީ ހަމަނުޖެހުންތައް އިތުރު ވެދާނެ ކަމުގެ އިންޒާރު، ވޯލްޑް ބޭންކުގެ ޗީފް އިކޮނޮމިސްޓް ކާމެން ރެއިންހާޓް ދެއްވައިފިއެވެ.

ވަކިން ހާއްސަކޮށް، މެދުއިރުމައްޗާއި އެފްރިކާ އަދި އުތުރު އެފްރިކާއާއި ސަބް-ސަހާރަން އެފްރިކާ ސަރަހައްދަށް ބަލައިގަންނަން ދަތި ބަދަލުތަކެއް އަންނާނެ ކަމަށާ، މި ސަރަހައްދުތަކަކީ މިހާރުވެސް ކާބޯތަކެތީގެ ސަލާމަތްތެރިކަން ގެއްލިފައި ވާ ސަރަހައްދުތަކެއް ކަން ރެއިންހާޓް ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެ 10 ވަރަކަށް އަހަރު ކުރިން މެދުއިރުމަތީގެ ގައުމުތަކަށް ބިންދާނީ "އަރަބި ބަހާރު"ގެ މުޒާހާރާ އޮއެވަރުގެ ފަހަތުގައިވެސް ކާބޯތަކެތީގެ ސަލާމަތްތެރިކަން ކުޑަވުން ހިމެނޭކަން، ވޯލްޑް ބޭންކުގެ އޮފިޝަލު ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ފާއިތުވީ 2 އަހަރު ދުވަހަކީ ކާމިޔާބު އަދި ނާކާމިޔާބު ބަޣާވާތްތަކުގެ އަދަދު އިތުރުވި ދުވަސްތަކެއް ކަންވެސް ރެއިންހާޓް ވަނީ ފާހަގަ ކުރައްވާފައެވެ.

ރަޝިއާއިން ޔޫކްރައިންގައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން އެންމެ ފުރަތަމަ އަގަށް ބަދަލު އައި ތަކެތީގެ ތެރޭގައި ހަކަތައާއި ގޮދަން ހިމެނެއެވެ. އިގުތިސޯދީ އަދި ވިޔަފާރީގެ ދާއިރާގެ ތަޖުރިބާކާރުންވެސް ވަނީ، މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގުތިސޯދަށް ނޭދެވޭ އަސަރު ފޯރާނެ ކަމަށާ، އެކަމުގެ ތަކުލީފުތައް އާންމު ގޭބިސީތަކާށްވެސް ކުރާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.