މުދާ ގަތުމަށް ފަހު، އިސްލާމިކް ބޭންކް މެދުވެރިކޮށް ފައިސާ ދައްކާފައިވާ ކަމަށް ބުނެ، ފޭކް ސްލިޕް ފޮނުވާ މައްސަލާގައި ވިޔަފާރިތަކުން އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، އައިބޭ އާއި އެހެނިހެން އޮންލައިން ޕްލެޓްފޯމް ބޭނުންކޮށްގެން ވިޔަފާރިތަކަށް އަމާޒުކޮށް ހިންގާ މަކަރާއި ހީލަތުގެ މައްސަލަތަކެއް ހުށަހެޅެމުންދާ ކަމަށާއި، އެފަދަ ގިނަ މައްސަލަތަކެއް މިހާރުވެސް ހުށަހެޅިފައިވާތީވެ، ބަލަމުންދާ ކަމަށެވެ.

އެގޮތުން، އޮންލައިން ވިޔަފާރިތަކަށް އޮޅުވާލައި، މަކަރާއި ހީލަތް ހަދައިގެން އެންމެ ގިނައިން ހޯދާފައިވަނީ މޯބައިލް ފޯނާއި އެހެނިހެން އިލެކްޓްރޯނިކް ސާމާނު ކަމަށްވެސް ފާހަގަކުރެވޭ ކަމަށް ފުލުހުން ބުންޏެވެ.

އެގޮތަށް ގުޅައި، މަކަރާއި ހީލަތުތުން މުދާ ގަތުމަށްފަހު، އިސްލާމިކް ބޭންކް މެދުވެރިކޮށް ފައިސާ ދައްކާފައިވާކަމަށް ބުނެ ސައްހަނޫން ސްލިޕެއް އެ ކަންކުރާ ފަރާތްތަކުން ފޮނުވައެވެ. އޮންލައިން ވިޔަފާރިކުރާ ފަރާތުގެ އެކައުންޓަށް ލާރި ޖަމާނުވާކަން އެނގެނީ މުދާ ޑެލިވާ ކުރާތާ 24 ގަޑިއިރު ފަހުންނެވެ.

އެހެންކަމުން، އޮންލައިން ވިޔަފާރިކުރާ ފަރާތްތަކަށް މުދާ ގަންނަ ފަރާތްތަކުން ބޭންކް ސްލިޕް ފޮނުވި ކަމުގައިވިޔަސް ފައިސާލިބުމުން ނޫނީ މުދާ ޑެލިވާ ނުކުރުމަށް، ވިޔަފާރިކުރާ ފަރާތްތަކުގެ ކިބައިން ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.

އޮންލައިން ވިޔަފާރީގެ އިތުރުން، އޮޅުވާލައިގެން މަކަރާއި ހީލަތުން ބައެއް މީހުން ފައިސާ ހޯދާ މައްސަލަތައް ފެންމަތިވަމުން ދާއިރު، އެފަދަ މައްސަލަތައް ހުށަހެޅޭ އަދަދު ވަނީ އިތުރުވެފައެވެ. އެކަހަލަ ކަމެއް ހިނގައިގެން އުޅޭނަމަ ލަސްނުކޮށް މައްސަލަ ހުށަހަޅަން ފުލުހުން އެދެއެވެ.