ރަޝިއާއިން ޔޫކްރައިންގައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން، އެމެރިކާ، އިނގިރޭސިވިލާތް އަދި ވިލާތުގެ އިއްތިހާދު (އީޔޫ)ގެ ގައުމުތަކުން ވަނީ، އެ ގައުމުތަކަށް ރަޝިއާއިން ތެޔޮ އިމްޕޯޓް ކުރުމަށް ހުރަސް އަޅާނެ ކަން އިއުލާން ކޮށްފައެވެ.
މި ގައުމުތަކުން މިފަދަ ނިންމުމެއް ނިންމާފައި ވަނީ، މިފަދަ ނިންމުމެއް ނިންމައިފިނަމަ، ރަޝިއާއިން އެ ވިލާތަށް ފޯރުކޮށްދޭ ގޭހުގެ ސަޕްލައި މެދުކަނޑާލާނެ ކަމުގެ އިންޒާރުވެސް ރަޝިއާއިން ދީފައި ވާ ދަނޑިވަޅެއްގައެވެ.
ރަޝިއާގެ ތެލާއި ގެހާ ދެކޮޅަށް އަޅާފައިވަނީ ކޮން ފިޔަވަޅުތަކެއް؟
ރަޝިއާއާ ދެކޮޅަށް ތަންފީރު ކުރަމުން ދާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށް ޔޫކްރޭނުން ކުރި ޑިމާންޑުތަކާއެކު، އެމެރިކާއިން ވަނީ ތެލާއި، ގޭސް އަދި ބޯޓު ދެލި، ރަޝިއާއިން އިމްޕޯޓް ކުރުން މުޅިން މަޑުޖައްސާލާފައެވެ.
އިނގިރޭސިވިލާތުން އަމާޒު ހިފާފައި ވަނީ ރަޝިއާއިން ތެޔޮ އިމްޕޯޓް ކުރުން، މިއަހަރު ނިމޭއިރު މުޅިން ހުއްޓާލުމަށް ކަމަށް ވާއިރު، އީޔޫ އިން ދަނީ، ރަޝިއާއިން އިމްޕޯޓް ކުރާ މިންވަރު 3 ބައިކުޅަ 2 ބައި މަދު ކުރަމުންނެވެ.
ކަން މިހެން އޮތް އިރު ރަޝިއާގެ ބޮޑުވަޒީރު ނައިބު އެލެކްޒޭންޑާ ނޯވާކް ވަނީ، ރަޝިއާގެ ތެލަށް އިންކާރު ކުރުމަކީ، ބައިނަލްއަގުވާމީ ބާޒާރަށް ގެއްލުންދެނިވި ނަތީޖާތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށް އިންޒާރު ކުރައްވާފައެވެ.
ކަން އޮތީވެސް އެހެންނެވެ. ދުނިޔޭގެ ބާޒާރުގައި ރެކޯޑް އަދަދަކަށް ތެލާއި ގޭހުގެ އަގުތައް ދަނީ އުފުލެމުންނެވެ. ރަޝިއާއިން އެކްސްޕޯޓް ހުއްޓާލައިފިނަމަ، އަދިވެސް އިތުރަށް މައްޗަށް ދާނެއެވެ.
ރަޝިއާއިން އެކްސްޕޯޓް ކުރަނީ ކިހާ ތެލެއް؟
ދުނިޔޭގެ ނިސްބަތުން ބަލާއިރު ރަޝިއާއަކީ 3 ވަނައަށް އެންމެ ގިނަ އަދަދަކަށް ތެޔޮ އެކްސްޕޯޓް ކުރާ ގައުމެވެ. އެއީ އެމެރިކާއާއި ސައުދީ އަރަބިއްޔާގެ ފަހަތުންނެވެ.
ރަޝިއާއިން ދުވާލެއްގެ މައްޗަށް ބާޒާރަށް ނެރޭ (ސާފު ނުކުރާ) 5 މިލިއަން ތެޔޮ ފީފާގެ، 2 ބައިކުޅަ 1 ބަޔަށް ވުރެ ބޮޑު ބައި ދަނީ ވިލާތުގެ ގައުމުތަކަށެވެ. އެމެރިކާއިން ރަޝިއާގެ ތެލަށް ބަރޯސާވެފައި ވާ މިންވަރު ކުޑައެވެ. 2020 ވަނަ އަހަރު އެމެރިކާއަށް އިމްޕޯޓް ކުރި ތެލަށް ބަލާއިރު، ރަޝިއާ ހިއްސާ ކުރަނީ އެންމެ 3 ޕަސެންޓްއެވެ.
ތެލުގެ ސަޕްލައިއަށް ދެން ހުޅުވިފައި ހުރީ ކޮން ދޮރުތަކެއް؟
ބެލެވޭ ގޮތުގައި ގޭހުގެ ސަޕްލައިއަށްވުރެ ތެލުގެ އިތުރު ސަޕްލައިތައް ހޯދުން ފަސޭހައެވެ. ގޭސް ސަޕްލައި ކުރުމަށް މާގިނަ ހޮޅިތަކެއް އަޅާފައެއް ނޯވެއެވެ.
އެމެރިކާއިން ދަނީ ސައުދީ އަރަބިއްޔާއިން ތެޔޮ އުފައްދާ މިންވަރު އިތުރު ކުރުމަށް އެދެމުންނެވެ. ނަމަވެސް ސައުދީ އަރަބިއްޔާއިން މީގެ ކުރިން ވަނީ އެމެރިކާގެ ގޮވާލުންތަކަށް ބީރު ކަންފަތެއް ދީފައެވެ.
ބައިނަލްއަގުވާމީ ބާޒާރުގައި ދައުރު ކުރާ (ސާފު ނުކުރާ) ތެލުގެ ޝިޕްމަންޓްގެ 60 ޕަސެންޓް ހިއްސާ ކުރަނީ އޯޕެކް ގައުމުތަކުން ކަމަށް ވާއިރު، އޯޕެކް ކާޓެލްގައި ހިމެނޭ ގައުމުތަކުގެ ތެރެއިން އެންމެ ފުޅާ ދާއިރާއެއްގައި ތެޔޮ އުފައްދަނީ ސައުދީ އަރަބިއްޔާއިންނެވެ. އޯޕެކްއަކީ ބައިނަލްއަގުވާމީ ތެލުގެ ބާޒާރުގެ އަގުތަކަށް ނުފޫޒު ފޯރުވުމުގައި ބާރުގަދަ އިއްތިހާދެކެވެ.
ރަޝިއާއަކީ އޯޕެކްގެ މެންބަރު ގައުމެއް ނޫނެވެ. ނަމަވެސް ތެޔޮ އުފައްދާ ފަރާތްތަކަށް ލިބޭ އާމްދަނީ އެއް ހަމައެއްގައި ހިފެހެއްޓުމަށްޓަކާ، ތެޔޮ އުފައްދާ މިންވަރުގެ ހައްދުތައް ކަނޑައެޅުމުގައި، 2017 ވަނަ އަހަރުން ފެށިގެން ރަޝިއާއާއިން ދަނީ އޯޕެކްއާއެކު މަސައްކަތް ކުރަމުން ކަންވެސް ފާހަގަ ކުރަންޖެހެއެވެ.
ކަން މިހެން އޮތް އިރު އެމެރިކާއިން ދަނީ ވެނެޒުއޭލާގެ ތެލުގެ ވިޔަފާރިއާ ދެކޮޅަށް އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދޭން ވިސްނަމުންނެވެ. ވެނެޒުއޭލާއަކީ މީގެ ކުރިން، ފުޅާ ދާއިރާއެއްގައި އެމެރިކާއަށް ތެޔޮ ސަޕްލައި ކުރި ގައުމެއް ނަމަވެސް، ވެނެޒުއޭލާގެ ތެލުގެ ވިޔަފާރީގެ ބޮޑު ބައެއް މިހާރު ހިއްސާ ކުރަނީ ޗައިނާއިންނެވެ.
ވިލާތުގެ އިއްތިހާދަށް ބޭނުންވާ ގޭހުގެ 40 ޕަސެންޓް މިހާރުވެސް ހިއްސާ ކުރަނީ ރަޝިއާއިންނެވެ. ރަޝިއާއިން ވިލާތަށް ގޭސް ފޯރުކޮށްދިނުން ހުއްޓާލައިފިނަމަ ވިލާތުގެ ބޮޑެތި ގައުމުތަކަކަށް އެކަމުގެ އަސަރު ފޯރާނެއެވެ. އެ ގައުމުތަކުގެ ހަރަދު އިންތިހާއަށް މައްޗަށް ދާނެއެވެ.
ރަޝިއާއިން ގުދުރަތީ ގޭހުގެ ދޮރު ބަންދު ކޮށްފިނަމަ، އިތުރު މަގުތަކެއް ހޯދުމަކީ މާ ފަސޭހަ ކަމަކަށް ނުވާނެއެވެ. ވިލާތުގެ އުފެއްދުންތެރިކަމުގެ ސިނާއަތަށް އެކަމުގެ އަސަރު ފޯރާ، ދުނިޔޭގެ އެކި ހިސާބުތަކުގައި ތަކެތީގެ އަގު އުފުލުމުގެ އޮއެވަރެއް ފެށުން އޮތީ މާ ދުރުގައި ކަމަށްވެސް ނުވެދާނެއެވެ.
އަމިއްލަ އެދުމަށްޓަކައި އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން ޔުކްރެއިންގެ ބޮލަށް އެރިގެން މި ގެންގުޅުނު ސިޔާސަތުގެ ސަބަބުން މި ފެށުނު ހަނގުރާމަ އަވަސް ފުރުސަތެއްގައި ނުނިމި ދިގުލައިގެން ގޮއްސި ނަމަ ދުނިޔޭގެ އިގްތިސޯދު ފުނޑިގެން ދާނެ އެވެ.