ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންގެ އަމުރުފުޅަކަށް އެ ގައުމުގެ އަސްކަރިއްޔާއިން ޔޫކްރައިންއަށް އަރާ، ކުރަމުން ދާ ހަނގުރާމަ، ޔޫކްރައިންއާ ހިސާބުން ހުއްޓެން ނެތް ކަމަށް، ޔޫކްރައިންގެ ރައީސް ވްލޮޑޮމީރް ޒެލެންސްކީ އިންޒާރު ކުރައްވައިފިއެވެ.

ހުޅަނގުގެ ގައުމުތަކަށް އިންޒާރު ކުރައްވަކުން ޒެލެންސްކީ ވަނީ، އެ ސަރަހައްދުގެ މިނިވަންކަމަށް އަމާޒު ކޮށްގެން ދޭ ހަމަލާގެ އަސަރު، މުޅި ދުނިޔޭގެ ހުރިހާ ހިސާބަކަށް ފޯރާނެ ކަމަށްވެސް އިންޒާރު ކުރައްވާފައެވެ.

އޭބީސީ ނިއުސް ވޯލްޑް ޓުނައިޓްއަށް ދެއްވި ބަސްދީގަތުމެއްގައި ޒެލެންސްކީ ވަނީ، ޔޫކްރައިންގެ ވައިގެ ސަރަހައްދުގެ ސަލާމަތްތެރިކަން ކަށަވަރުކޮށް، މިކަމުގައި އެމެރިކާއާއި ނޭޓޯގެ މެންބަރު ގައުމުތަކުން ފަސް ނުޖެހުމަށްވެސް ގޮވާލައްވާފައެވެ. ޒެލެންސްކީ ވަނީ ޔޫކްރައިންގެ ވައިގެ ސަރަހައްދުގެ ކޮންޓްރޯލް، އެ ގައުމަށް ގެއްލިފައި ވާކަމަށް ވިދާޅުވެފައެވެ.

މިހާރު ކުރިއަށް ދާ ހަނގުރާމަ ހުއްޓުވުމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑަންއަށް އަދިވެސް ކުރެއްވޭނެ ކަންކަން އެބަ ހުރި ކަމަށް ގަބޫލު ކުރައްވާ ކަމަށް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ. އަދި ބައިޑަންވެސް އެކަން އެގޮތަށް ގަބޫލު ކުރައްވާނެ ކަމުގެ ޔަގީން ކަން އެބައޮތް ކަމަށާ، ބައިޑަންއަށް އެކަން ކުރެއްވޭނެ ކަމަށްވެސް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ.

ޔޫކްރައިންގައި އުދުހުން މަނާ ސަރަހައްދެއް ކަނޑައެޅުމަށް އެ ގައުމުގެ ސަރުކާރުން މަސައްކަތް ކުރި ނަމަވެސް އެމެރިކާއާއި ނޭޓޯއިން އެކަމާ ދެކޮޅެވެ. އުޒުރެއް ކަމުގައި ބުނަނީ، އެފަދަ ފިޔަވަޅެއްގެ ސަބަބުން، މުޅި ވިލާތު ބައްރުގައި ވަރުގަދަ ހަނގުރާމައެއް ފެށިދާނެ ކަމަށެވެ. ރަޝިއާގެ ރައީސްވެސް ވަނީ، އުދުހުން މަނާ ސަރަހައްދު ކަނޑައަޅާ ގައުމުތަކަކީވެސް ހަނގުރާމައިގެ ބައިވެރިން ކަމުގައި ބައްލަވާނެ ކަމަށް އިންޒާރު ކުރައްވާފައެވެ.

ހޯމަ ދުވަހު ވާހަކަފުޅުދައްކަވަމުން ބައިޑަން ވަނީ ޔޫކްރައިން ހަނގުރާމައިން އެމެރިކާގެ ސިފައިން އެކަހެރިވާނެކަމުގެ ޔަގީންކަން ތަކުރާރު ކުރައްވާފައެވެ.

މުޅި ދުނިޔެއަށް އިންޒާރު ދެނިވި ރޫހެއްގައި ވާހަކަފުޅު ކުރިއަށް ގެންދަވަމުން ޒެލެންސްކީ ވިދާޅުވީ ޔޫކްރައިން އޮތީ އެމެރިކާއާއި ކެނެޑާއާ ވަރަށް ދުރުގައި ކަމަށް ހުރިހާ އެންމެންވެސް ގަބޫލު ކުރާ ކަމަށެވެ. ނަމަވެސް އެއީ އަދި ކަން އޮތް ގޮތް ނޫން ކަމަށާ، ހުރިހާ ގައުމެއްވެސް އޮތީ މިނިވަންކަމޭ ކިއުނު ޒޯންގައި ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.

މިނިވަންކަމާ ހައްގުތަކުގެ މައްޗަށް ބަޔަކު ކޮޅުފައިން އަރާ އިރު، އެކަމަކު ސަލާމަތް ކޮށްދޭން އަންނަންޖެހޭ ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ. ފުރަތަމަ ޔޫކްރައިން ކަމަށާ، އެއަށްފަހު ދެން އެހެން ބަޔަކު ކަމަށް ވިދާޅުވަމުން ޒެލެންސްކީ ވަނީ، ފުރޭތައެއް އަރާ އެއް ފަހަރު ކާލުމަށްފަހު އަދިވެސް އިތުރަށް، އަދި ދެންވެސް އިތުރަށް ކާން ބޭނުންވާނެ ކަމަށް ވިދާޅުވެ އިންޒާރު ކުރައްވާފައެވެ.