މިންތީގެ ހަމަހަމަކަން ގާއިމުކުރުމުގައި އެކި އެކި ދާއިރާތަކުގެ ޒިންމާތައް އެބަހުރި ކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އަންހެނުން ދުޗަހު މުނާސަބަތާ ގުޅިގެން ދެއްވި ހިތާބެއްގައެވެ.

މިނިސްޓަރު ވިދާޅުވީ، އަންހެނުން ދުވަހުގެ މަގްސަދަކީ، އަންހެނުންނަށް ލިބިފައިވާ ހައްޤުތައް ކަށަވަރުކުރުމަށާއި އަންހެނުންގެ ހާލަތު ރަނގަޅު ކުރުމަށް އެކި ދާއިރާތަކުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކޮށް، ދިވެހިރާއްޖޭގައި އަންހެނުން ބާރުވެރި ކުރުން ކަމަށެވެ. އަދި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް އެކި ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަންކޮށް، އެ މަސައްކަތްތައް އިތުރަށް ރަނގަޅުކުރުމަށް އަޑުތައް އިއްވައިދިނުމަށް ލިބިގެންދާ އިތުރު ފުރުސަތެއްް ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި ދުވަސް ފާހަގަކުރުމުގެ ގޮތުން ޔޫއެންވިމެން އިން މިއަހަރުގެ ޝިއާރު ކަމުގައި ކަނޑައަޅާފައިވަނީ “ދެމެހެއްޓެނިވި މާދަމާއަކަށް، މިންތީގެ ހަމަހަމަކަން މިއަދު." ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ކަންކަމުން އަރައިގަތުމަށްޓަކައި، އަދި މިފަދަ ބަދަލުތަކަށް އެޑެޕްޓް ވުމަށްޓަކައި، އަންހެނުން އަދާކުރަމުންދާ ދައުރާއި، އަންހެނުންގެ ތަޖުރިބާރަތައް ދެނެގަނެ، ފާހަގަކުރުމަކީ މުހިންމުކަމެއް ކަމަށެވެ.

އަންހެނުންނަކީ އަޅުގަނޑުމެންގެ އާބާދީގެ ދެބައިކުޅަ އެއްބައި. މުޖުތަމައެއްގެ ވިސްނުމާއި، ހިޔާލުތަކާއި، ހައްލުތަކާއި، ތަޖުރިބާތަކުގެ ދެބައިކުޅަ އެއްބައި ހިއްސާކުރާ ފަރާތްތައް. އެހެންކަމުން، ދެމެހެއްޓެނިވި މާދަމާއެއް ނުވަތަ މުސްތަޤްބަލެއް ބިނާކުރަން އަޅުގަނޑުމެން މަސައްކަތްކުރާއިރު، އެ މަސައްކަތްތަކުގައި އަންހެނުންގެ ފުރިހަމަ ބައިވެރިވުމާއި ހިއްސާ އޮންނަން ޖެހޭ.
ޖެންޑާ މިނިސްޓަރ އަުއިޝަތު މުހައްމަދު ދީދީ

މިނިސްޓަރު ވިދާޅުވީ ދެމެހެއްޓެނިވި މާދަމާއަކަށް، އަންހެނުންގެ ބައިވެރިވުމާއި، އަންހެނުންގެ ހިއްސާ އިތުރުކުރަން ޖެހޭ ކަމަށެވެ. އަދި 2030 ވަނަ އަހަރަށް ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށާއި، ދިވެހި ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމި މުއާހަދަތަކަށް ރިޕޯޓުކުރުމުގައި، ދިވެހިރާއްޖޭގެ އަންހެނުންގެ ހާލަތު ބަދަލުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނުގެ ދަށުން، ރަށުގެ ތަރައްގީގެ ޕްލޭންތައް އެކުލަވާލުމުގައާއި، ރަށުގެ އަންހެނުންނާ ގުޅޭ މައުލޫމާތުތައް އެއްކޮށް، އަންހެނުންގެ ހާލަތު ދެނެގަނެ، އަންހެނުން އެކި ދާއިރާތަކުން ބާރުވެރިކުރުމަށް މަސައްކަތްކުރުމަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ލާޒިމުކުރާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ރަށުގައި ހިނގާ މުހިންމު ތަރައްގީގެ މަޝްރޫއުތަކުގައި މިފަރާތްތަކުގެ ބައިވެރިވުން އަދި ހޯދައި، އެ ފުރުސަތުތައް ފަހިކުރުމަށް ރަށު ކައުންސިލުތަކަށްވެސް ޒިންމާތަކެއް ހަވާލުކުރެވިފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ހަމަ އެއާއެކު، ޖެންޑާ އީކުއަލިޓީ ގާނޫނުގެ ދަށުން، ކައުންސިލުތަކަށް ޒިންމާތައް ހަވާލުކުރުމަށް 2021 ޑިސެންބަރުގައި ގަވާއިދެއް ގެޒެޓުކޮށް، މި އަހަރުގެ ޖޫން މަހުން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މި މަސައްކަތްތައް އެންމެ ފުރިހަމަ ގޮތުގައި ރޭވުމަށްޓަކައި ކޮންމެ އަތޮޅެއްގައި ހުންނަ މިނިސްޓްރީގެ ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރު ތަކުގެ ޖެންޑާ އީކުއަލިޓީ އެކްޝަން ޕްލޭންއަށް އަހުލުވެރިކުރުމަށް ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންދެވި މާޗު މަހުގެ ތެރޭގައި، އަތޮޅު ފެންވަރުގައި، ރަށު ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ގުޅިގެން އަމަލީ ސިފައެއްގައި އެކްޝަން ޕްލޭން ތަންފީޒުކުރުމަށްޓަކައި ޕްރޮގްރާމްތަކެއް ކުރިއަށް ގެންދެވޭނެ.
ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ

މިނިސްޓަރު ވަނީ ޖެންޑާ އީކުއަލިޓީ ގާނޫނުގެ ދަށުން މިންތީގެ ހަމަހަމަކަން ގާއިމުކުރުމުގައި އެކި އެކި ދާއިރާތަކުގެ ޒިންމާތައް ހުރިކަން ފާހަގަކުރައްވާފައެވެ.

މި މަސައްކަތްތަކަކީ ހަމައެކަނި މިނިސްޓްރީން ހާސިލުކުރެވޭނެ ކަންކަމެއް ނޫން ކަމަށާއި އެހެންކަމުން، އެކި ދާއިރާތަކުން މި ޕްލޭން ތަންފީޒުކުރުމަށް ހިނގާނެ ހަރަދު އަންދާޒާކުރުމަށްޓަކައި "އެކްޝަން ޕްލޭންގެ ކޯސްޓް" ކުރުމުގެ މަސައްކަތްތަކެއް ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި ކޯސްޓިން ގެ ސަބަބުން 2023 ވަނަ އަހަރުގެ ބަޖެޓް އެކުލަވާލާއިރު އެކްޝަން ޕްލޭން ތަންފީޒުކުރުމަށް ހުރިހާ ދާއިރާއަކުންވެސް އަންދާސާކޮށް ބަޖެޓް ކުރުމަށް ފަސޭހަވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އުންމީދަކީ ޖެންޑާ އީކުއަލިޓީ އެކްޝަން ޕްލޭން ހަލުވިކަމާއެކު ތަންފީޒު ކޮށް ދިވެހި އަންހެނުން މިހާރަށް ވުރެ ބާރުވެރިވެ، މިހާރަށްވުރެ އިހްތިސާދީ ގޮތުން ފުދުންތެރިވެ، ކަންކަން ނިންމާ ފެންވަރުގައި ބަސް ކިޔާ، އަދި ގުދުރަތީ ކާރިސާ ނުވަތަ މޫސުމީ ބަދަލުތައް ފަދަ ކަންކަމުން އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލުތަކެއް ލިބިގެން ދިއުން ކަމަށެވެ.