ހަތިޔާރު އެޅި ހަނގުރާމަވެރި ތޯލިބާން ޖަމާއަތުގެ ކޮންޓްރޯލް ގެ ދަށަށް އަފްގާނިސްތާނު ގެންދިޔަފަހުން، އާންމު ރައްޔިތުންގެ 400 އެއްހާ މީހުން މަރާލާފައި ވާ ކަމަށް އދގެ ރިޕޯޓެއް ބުނެފިއެވެ.
އޯގަސްޓް 2021 ގައި ތޯލިބާނުން އަފްގާނިސްތާނުގެ ކޮންޓްރޯލް ނެގި ފަހުން އެ ގައުމުގައި މަރާލާފައި ވާ އާންމު ރައްޔިތުންގެ ކޭސްތަކުގެ 80 ޕަސެންޓަށް ވުރެ ބޮޑު ބައެއް ހިއްސާ ކުރަނީ، ފަހުގެ ތާރީހުގައި ދުނިޔެ ދުށް އެންމެ ނުރައްކާތެރި ޓެރަރިސްޓް ޖަމާއަތުގެ ގޮތުގައި ގިނަ ބަޔަކު އިއްތިފާގު ވާ އައިސިސް ޖަމާއަތާ ގުޅިފައިވާ ގުރޫޕަކުން ކަމަށް މައުލޫމާތު ލިބެއެވެ.
އޯގަސްޓް 2021 އިން ފެބުރުއަރީ 2022ގެ ނިޔަލަށް ހޭދަވި މުއްދަތުގައި މަރާލާފައި ވާ އާންމުންގެ އަދަދު 397 އަށް އަރާ ކަމަށް، ތޯލިބާނުން ކޮންޓްރޯލް ނެގި ފަހުން އެކުލަވާލި އިންސާނީ ހައްގުގެ ހާލަތާ ބެހޭ ފުރަތަމަ ރިޕޯޓްގައި ބަޔާން ކޮށްފައިވެއެވެ.
ގިނަ ހަމަލާތައް ދީފައި ވަނީ އިސްލާމިކް ސްޓޭޓް އިން ހޮރާސާން ޕްރޮވިންސް، އައިއެސްކޭޕީ، (އައިސިސް-ކޭ) އިން ކަމަށް ވާ އިރު، ހަތިޔާރުއެޅި ގުރޫޕަށް ނިސްބަތްވާ ކަމުގެ ތުހުމަތު އަމާޒުވާ 50 މީހަކުވެސް އެ މުއްދަތުގެ ތެރޭގައި މަރާލާފައި ވާ ކަމަށް ހަބަރު ލިބެއެވެ. ބައެއް މީހުންނަށް ލާއިންސާނީ އަނިޔާ ދީފައި ވާއިރު، އަނެއް ބައެއްގެ ބޯ ބުރިކޮށް، މަގުގެ އެއް ފަރާތަކަށް އެއްލާލުން ފަދަ ޖަރީމާތައް ހިންގާފައި ވެއެވެ.
އދއިން އެކުލަވާލި ރިޕޯޓް އާންމު ކުރުމަށް ޖެނީވާގައި ކުރިއަށް ގެންދިޔަ އިވެންޓުގައި ވާހަކަ ދައްކަވަމުން، އދގެ އިންސާނީ ހައްގުތަކާ ބެހޭ ހައި ކޮމިޝަނަރު މިޝޭލް ބެޝެލެޓް ވަނީ، އިންސާނީ ހައްގުތަކުގެ ހާލަތަކީ މިއަދު އަފްގާނިސްތާނުގެ ގިނަ ބަޔަކަށް އޮތް އެންމެ ބޮޑު ކަންބޮޑުވުން ކަމުގައި ފާހަގަ ކުރައްވާފައެވެ.
މި މޭރުމުން ވާހަކަ ކުރިއަށް ގެންދަވަމުން ބެޝެލެޓް ވަނީ، ތޯލިބާނުންގެ ލީޑަރުން، އަންހެނުންގެ ހައްގުތަކާ މިނިވަންކަމަށް ހުރަސް އަޅާ ކަމަށް ވިދާޅުވެފައެވެ. އަދި އާންމު ދިރިއުޅުމުގެ ކަންކަމުގައި އެންމެ ފުރިހަމައަށް ބައިވެރިވުމުގެ ފުރުސަތު، އަންހެނުންނަށް ދިނުމަށްވެސް ބެޝެލެޓް ވަނީ ގޮވާލައްވާފައެވެ.
މީގެ އިތުރުން، އަފްގާނިސްތާނުގައި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސް އެޅިފައި ވާ ކަންވެސް ބެޝެލެޓް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން މަޖުބޫރުން ނިޒާމުގެ ތެރެއިން ގެއްލުވާލުމުގެ ޖަރީމާތައް ހިންގާކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ. ހަމަ އެހެންމެ، އިންސާނީ އަދި އިގުތިސޯދީ ކާރިސާއެއްގެ ބަނަ ވިލާގަނޑު، އަފްގާނިސްތާނު ބަނަ ކުރަމުން އަންނަ ކަންވެސް އދގެ އިންސާނީ ހައްގުތަކާ ބެހޭ ހައި ކޮމިޝަނަރު ވަނީ ފާހަގަ ކުރައްވާފައެވެ.