9 އަހަަރު ކުރިން ޖަލު ހުކުމެއް ތަންފީޒް ކުރަމުން އައި މީހަކު މިނިވަން ވިތާ 7 އަހަރު ފަހުން ބަލަމުންދާ އޭނާގެ މައްސަލައެއް ނުނިމި އޮތް ކަމަށް ކުށުގެ ރެކޯޑުން ދެއްކުމުން އޭނާގެ ވަޒީފާ އާއި ކިޔަވަމުން ދިޔަ ކޯސް މެދުކަނޑާލަން ޖެހުނު ކަމަށް ބުނެފިއެވެ.
ޅ. ނައިފަރަށް އުފަން އިބްރާހިމް ރަޝީދު އޭނާގެ ވާހަކަތައް ހިއްސާ ކުރަމުން ބުނީ، އޭނާ އަކީ މީގެ 9 އަހަރު ކުރިން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ޖަލު ހުކުމެއް ތަންފީޒް ކުރަމުން ދިޔަ ގައިދީއެއް ކަމަށެވެ. ހުކުމް ތަންފީޒުކޮށް ނިމެން 23 ދުވަހަށް ވެފައި ވަނިކޮށް ޑްރަގް ކޯޓުގެ ދަށުން ނެޝަނަލް ޑްރަގް އެޖެންސީ އާ ހަވާލު ކުރި ކަމަށާއި ފަރުވާ ފުރިހަމަ ކުރުމަށް ކ. ހިންމަފުށީ ރިހެބިލިޓޭޝަން ސެންޓަރަށް ގޮސް ފަރުވާ ފުރިހަމަ ކޮށް ނިމުމުން އޮކްޓޯބަރު 21، 2015 ވަނަ ދުވަހު ޑްރަގް ކޯޓުން އެއްްވެސް ޝަރުތަކާ ނުލައި މިނިވަން ކުރުމަށް ހުކުމް ކޮށް އޭނާ މިނިވަން ކުރި ކަމަށް އިބްރާހިމް ބުނެއެވެ.
އެ ދުވަހަށް ފަހު މި ވޭތުވެ ދިޔަ 7 އަހަރުތެރޭ މުޖުތަމައުއަށް ފައިދާ ކުރަނިވި މަސައްކަތް ކުރުމުގައި ދެމިހުރި ކަމަށް އޭނާ ބުނެއެވެ. ކައިވެންޏެއްކޮށް މިހާރު ކައިވެންޏަށް 4 އަހަރު ފުރިފައިވާ އިރު އެއް އަހަރާއި 9 މަހުގެ ދަރިއަކު ވެސް ހުރި ކަމަށާއި އޭރު ވިލާ ކޮލެޖުގައި އޭނާ ތައުލީމް ހާސިލް ހުރި ކަމަށް ވެސް ބުނެއެވެ. ވިލާ ކޮލެޖުން ހަދަމުން އައި ކޯސް ނިމުމުން އިތުރު ކޯސްތަކެއް ހަދާނެ ތަނަވަސްކަން ނެތުމުން ދެން އޭނާ ފެށީ މަސްވެރިކަން ކުރަން ކަމަށާއި 2 އަހަރު ދުވަހު މަސްވެރިކަމުގައި އުޅެފައި، ޅ.ނައިފަރު ކައުންސިލުން އިއުލާން ކުރި މިސްކިތު މަސައްކަތު މީހެއްގެ ވަޒީފާ ލިބުމުން މަސްވެރިކަން ހުއްޓާލީ އަނެއްކާވެސް ކިޔެވުމުގެ ނިޔަތުގައި ކަމަށް އޭނާ ބުނެއެވެ.
އެގޮތުން ޒިކުރާ އިންޓަނޭޝަނަލް ކޮލެޖުން އެޑްވާންސް ކޯހެއް ހެދުމަށް ފަހު ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން އޭނާ އަކީ ކޯސް ހަދަމުންދާ ދަރިވަރެއް ކަމަށް ބުނެއެވެ. ވަޒީފާގައި އުޅޭތާ 3 އަހަރު ވާން އުޅެނިކޮށް ކައުންސިލުން އިއުލާން ކުރި ދާއިމީ ވަޒީފާއަށް ހޮވިގެން ކުށުގެ ރެކޯޑް ސާފު ކުރުމުން ދެންވީ ގޮތް އޭނާ ހިއްސާކުރިއެވެ.
އެ ކުށުގެ ރެކޯޑުން ދައްކާ ގޮތުގައި އޭނާގެ ނުނިމި އޮތް މައްސަލައެއް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި ހުކުމް ތަންފީޒް ކުރުން މެދު ކަނޑާލާފައި އޮތް ކަމަށް ރިޕޯޓް ގައި އޮތުމުގެ ސަބަބުން އޭނާ އަދާ ކުރަމުން ދިޔަ ވަޒީފާ އިން މިދިޔަ ފެބްރުއަރީ 15 ގައި ވަކިކުރި ކަމަށް އިބްރާހިމް ބުނެއެވެ. ކުށުގެ ރެކޯޑް އޮތް ކަން އެނގުނު ދުވަހުން ފެށިގެން އެކި މުއައްސަސާތަކަށް ގުޅާ ސިޓީ ފޮނުވާ ކަންތައް ކުރި އިރު އެއްވެސް ތާކުން މިކަމަށް އެކްޝަނެއް ނާގާފައިނުވާ ކަމަށް އޭނާ ބުނެއެވެ.
އެހެންކަމުން މި ވަގުތު އޭނާ ކިޔަވަމުން ދިޔަ ކޯސް ހުއްޓާލަން ޖެހިފައިވާ ކަމަށާއި ވަޒީފާވެސް އޭނާއަށް ގެއްލިފައިވާ ކަމަށް އިބްރާހިމް ބުނެއެވެ. މި ކަމުގައި އެއްވެސް މުއައްސަސާއަކުން އެދެވޭ ޖަވާބެއް ނުލިބުމުން މިއަދު އޭނާ ފައިސާ ހޯދައި އޭނާގެ އާއިލާ ބަލަހައްޓަން ކުރަންވީ ކޮން ކަމެއްތޯ އަހައި އޭނާ ސުވާލު އުފެއްދިއެވެ.
އެކި މައްސަލަތަކުގައި ކުށްކުރާ މީހުންނަށް އަދަބު ލިބި އަނބުރާ މުޖުތަމައުއަށް އައިސް ރަނގަޅު ފައިދާ ހުރި މަސައްކަތް ކުރުމުގައި އުޅޭ ޒުވާނުން މިހާރުވެސް އަންނަނީ ފެންނަމުންނެވެ. ނަމަވެސް މުޖުތަމައުގައި ބައެއް މަސައްކަތް ކުރުމުގައި މިފަދަ ކުށުގެ މައްސަލަތައް އޮންނަ މީހުންނަށް ދަތިތަކާ ކުރިމަތިލާން ޖެހެއެވެ. އަދި އާއިލާ ބަލަހައްޓަން މަސައްކަތް ނުލިބި ފައިސާގެ ދަތިކަމާ ކުރިމަލތިލާން ޖެހޭ ހާޅަތަށް ދިޔުމުން މިފަދަ ޒުވާނުން އަނެއްކާވެސް ކުށުގެ މަގަށް ނުކުމެ ހަލާކުގެ ތެރެއަށް ދާ މަންޒަރަކީވެސް މި މުޖުތަމައުގައި ފެންނަމުން އަންނަ ބައެއް މައްސަލަތަކެވެ.
މިކަމާ ގުޅިގެން ބައެއް މީހުން ބުނާ ގޮތުގައި މި މުޖުތަމައުގައި ރަނގަޅުވާން ބޭނުންވާ މީހުންނަށް އޮންނަ ފުރުސަތުތައް މަދެވެ. އަދި އޭގެ ނަތީޖާއަކަށް ވަނީ މިފަދަ މީހުން އަނބުރާ ކުށް ކުރާ ޒުވާނުންނާ ގުޅި އެމީހުންގެ ހަޔާތް ހަލާކެއްގެ ތެރެއަށް ގެނބިގެން ދިއުމެވެ.
މިމުޖުތަމައުވެސް އަދި ސަރުކާރުންވެސް ކުށެއްކުރެވޭ މީހާ އައް މުސްތަގުބަލުގައި ކުށުން ދުރުވެ އުޅެވޭނޭ ފުރުސަތެއް ދިނުމެއް ނޯވެ ބަލަނީ ޖަލުގެ އަދަދު އިތުރު ކޮއްގެން ބޮލަކައް ގައުމުތަކުން ދޭ ފައިސާ ގެ އަދަދު އިތުރުކޮއްގެން ޖީބައް އެޅޭތޯ
މިސޮރު މީ ނައިފަރު ދާއިރާގެ މެމްބަރ ޝިޔާމުގެ އެއްބަފާ ކޮއްކޮއަށް ވީމަ ދޯ . . .