ސްޓެލްކޯގެ އާ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފްގެ ވައުދާ އެއްގޮތަށް ސްޓެލްކޯ އަންހެން މުވައްޒަފުން ނަމާދުކުރާނެ ތަނެއް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްޑީގެ މަގާމާ ހަވާލުވެ ވަޑައިގަތުމަށް ފަހު އެ ކުންފުނީގެ މުވައްޒަފުންނާ އެކު ބޭއްވި ފުރަތަމަ ބައްދަލުވުމުގައި، އަންހެން މުވައްޒަފުންނަށް ހާއްސަކޮށްފައިވާ ނަމާދުކުރާނެ ތަނެއް ނެތުމުން އެފަދަ ތަނެއް ގާއިމް ކޮށްދެއްވުމަށް ޝަރީފް ވަނީ ވައުދުވެޑައިގެންފައެވެ.

ސްޓެލްކޯއިން ބުނީ އެ ވައުދާ އެއްގޮތަށް ނަމާދު ކުރާނެތަން ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ހަސަން މުޣުނީ ވަކިކޮށް އެ މަގާމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހްމަދު ޝަރީފު ހަމަޖެއްސީ މި މަހުގެ 1 ވަނަ ދުވަހެވެ. އެއަށް ފަހު މި މަހުގެ 2 ވަނަ ދުވަހު ޝަރީފް ވަނީ އެ ކުންފުނީގެ މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ.

ކުރިން އެ މަގާމުގައި ހުންނެވި މުޣުނީއަށް މިހާރު ވަނީ އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމު ދީފައެވެ.