ކޯޓުގެ ހުރުމަތް ކެނޑުމުން، 15 ދުވަހުގެ މުއްދަތަކަށް ޖަލަށް ލާފައިވާ ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ ދޫކޮށްލައިފިއެވެ.

އަސްހަދުގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައިވަނީ ޖިންސީ ގޯނާގެ ދައުވާތައް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖޭން ފުރުމަށް ޖާމިނުވި މައްސަލާގައި ކޯޓުގެ އެންގުމާ ހިލާފުވިކަން ސާބިތުވުމުންނެވެ.

ހުކުމް ތަންފީޒުކޮށް ނިމުމުން އަސްހަދު ދޫކޮށްލާފައިވާ ކަމަށް، ކަރެކްޝަންސް އިން ވަނީ މީޑިއާތަކަށް ކަށަވަރު ކޮށްދީފައެވެ.

ކޯޓުގެ ހުރުމަތް ކެނޑި މައްސަލާގައި އަސްހަދު ޖަލަށްލާފައި ވަނީ މިދިޔަ މަހުގެ 19 ގައި އެނބުރި ރާއްޖެ އައުމަށް ފަހު ކަރެކްޝަންސް އާ ހަވާލުވުމުންނެވެ.

އެ މައްސަލާގައި އަސްހަދުގެ މައްޗަށް ހުކުމްކޮށްފައި ވަނީ އޭނާ އިނގިރޭސިވިލާތުގައި ހުރި ދަނޑިވަޅެއްގައި، މިދިޔަ މަހުގެ ދެވަނަ ދުވަހުގައެވެ. އެހެންކަމުން، އަސްހަދު ހައްޔަރުކޮށްފައި ވަނީ ބަންދުގެ ހުކުމް ތަންފީޒުކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރިތާ 17 ދުވަސް ފަހުންނެވެ.

އަސްހަދުގެ މައްޗަށް އެ މައްސަލަ ސާބިތުވުމުން، މިނިސްޓަރުގެ މަގާމުން އޭނާ ވަނީ ވަކިކޮށްފައެވެ.

ކޯޓުގެ ހުރުމަތް ކެނޑި މައްސަލާގައި އޭނާގެ މައްޗަށް އިއްވާފައިވާ ބަންދުގެ މުއްދަތު ހަމަވުމުން އަސްހަދު މިއަދު ދޫކޮށްލާފައިވާއިރު، އަލީ ވަހީދު ރާއްޖޭން ބޭރަށް ފުރުވާލުމުގައި ޖާމިނުވެފައިވާ އެއްބަސްވުމުގެ މައްސަލާގައި އަސްހަދުގެ މައްޗަށް އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިދޭން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި މީގެ ކުރިން އެދިފައިވެއެވެ.