ޔޫކްރައިންގެ މައި ސަރުކާރުން ވަކިވެގަނެގެން އުޅޭ ޑޮންބާސް ސަރަހައްދުގެ ރައްޔިތުން، އެބައި މީހުންގެ ހައްގުތައް ދިފާއު ކުރުމަށް ޔޫކްރައިންގެ ރައީސް ވްލޮޑޮމީރް ޒެލެންސްކީ ގޮވާލައްވައިފިއެވެ.

ޑޮންބާސް ސަރަހައްދުގެ ރައްޔިތުންނަށް މުހާތަބު ކުރައްވާ، ފޭސްބުކް މެދުވެރިކުރައްވާ، ދެއްވި ވީޑިއޯ މެސެޖެއްގައި ޒެލެންސްކީ ވަނީ، ހައްގުތަކާ މިނިވަންކަމަށް މަސައްކަތް ކޮށް، ރަޝިއާގެ ކިބައިން މިންޖުވެ، ސަލާމަތް ހޯދުމަށް ގޮވާލައްވާފައެވެ.

ޔޫކްރައިންގެ (ދައުލަތުން) އުޅެނީ ޑޮންބާސް ސަރަހައްދުގެ ރަށްވެހިންނަށް ނަފުރަތު ކޮށް، ހަމަލާ ދީ، ނެތިކޮށްލަން ކަމަށް ބުނެ ރަޝިއާއިން ފަތުރަމުން ދަނީ ހަގީގަތެއް ނެތް ޕްރޮޕަގަންޑާއެއް ކަމަށާ، ނަމަވެސް އެއީ ޑޮންބާސް ސަރަހައްދުގެ ރައްޔިތުންގެ މުސްތަގުބަލު ނޫން ކަމަށްވެސް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ.

ޑޮންބާސް ސަރަހައްދުގައި، ވަކިވެގަތުމަށް މަސައްކަތް ކުރާ 2 ސަރަހައްދެއް އޮވެއެވެ. އެއީ ލުހާންސްކްއާއި ޑޮނެޓްސްކްއެވެ. ރަޝިއާއިން ވަނީ އެއީ މިނިވަން ދައުލަތްތަކެއްގެ ގޮތުގައި ބަލައިގެންފައެވެ. ނަމަވެސް ޔޫކްރައިންގެ ސަރުކާރުން ވަނީ، އެއީ ރަޝިއާއިން ވެރިވެގެންފައިވާ ސަރަހައްދުތަކެއްގެ ގޮތުގައި ސިފަކޮށްފައެވެ. 2014 ވަނަ އަހަރުން ފެށިގެން ރަޝިއާއިން ދަނީ، ވަކިވެގަތުމަށް މަސައްކަތް ކުރާ ހަނގުރާމަ ކުރާ މީހުން ގާއިމު ކުރަމުން ކަމަށް ޔޫކްރައިން ސަރުކާރުން ތުހުމަތު ކުރެއެވެ.

ރަޝިއާއިން ޔޫކްރައިންގެ ރައްޔިތުން މަރަމުން ދާ ކަން ފާހަގަ ކުރައްވަމުން ޒެލެންސްކީ ވަނީ، އެ ގައުމުން އެ ގައުމުގެ އަމިއްލަ ރައްޔިތުންނަށް ހަމަލާ ދީ، އާންމުން ދިރިއުޅޭ އިމާރާތްތަކަށް ހަމަލާ ނުދޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ޑޮންބާސްގެ ރަށްވެހިންނަކީ އަބަދުވެސް ޔޫކްރައިންގެ ބައެއް ކަމަށާ، އެއީ ޔޫކްރައިންގެ ރައްޔިތުން ކަމަށްވެސް ޒެލެންސްކީގެ ތަގުރީރުގައި ވަނީ ފާހަގަ ކުރައްވާފައެވެ.