ހއ. ކެލާ އިން 2،000 ރުށް ބޭރުކުރަން އުޅޭ ކަމަށް ބުނާ ވާހަކަތައް އެ ރަށު ކައުންސިލުން ދޮގުކޮށްފިއެވެ.

ކެލާ ކައުންސިލުން ބުނީ ގިނަ އަދަދެއްގެ ރުށް ބޭރުކުރަން އުޅޭ ކަމަށް ބުނެ އެ މައްސަލަ ފެންމަތިކުރީ ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ބުލޫ ޕީސްގެ ފަރާތުން ކަމަށެވެ.

ކެލާގެ ހުރިހާ ކައުންސިލް މެންބަރުން ސޮއި ކުރައްވާ ނެރުއްވާފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެރަށުގައި ޕޮލިސް ސްޓޭޝަނެއް އެޅުމަށް ބިން ސާފުކުރުމާއި ރަށުގެ ފުޓްބޯޅަ ދަނޑު ހެދުމަށް ބޭނުންވާ ބިމެއް ސަރަހައްދު ސާފުކުރުމުގެ އިތުރުން އެރަށުގައި ހަދާފައިވާ ގެސްޓް ހައުސްތަކަށް ދާން އޮންނަ މަގު ވެސް ސާފު ކުރުމުގެ މަސައްކަތް ހިނގަމުންދާ ކަމަށެވެ.

އެ މަސައްކަތްތައް ކުރަނީ އާންމުކޮށް އިއުލާންކޮށްގެން ފެބުރުއަރީ 6 ވަނަ ދުވަހު ހަވާލުކޮށްފައިވާ "ދި އޮޕްޓިމިސްޓް" ނަމަކަށް ކިޔާ ކުންފުންޏަކަށް ކަމަށާއި އެ މަސައްކަތުގެ ދަށުން 138 ކުޑަ ރުކާއި 45 ބޮޑު ރުއް ހިމެނޭ ގޮތުން ޖުމްލަ 183 ރުއް އެ ސަރަހައްދުތަކުން ނަގާނެ ކަމަށް ކެލާ ކައުންސިލުން ބުނެއެވެ.

ކައުންސިލުން އިތުރަށް ބުނީ ރުއްތައް ނަގަނީ އީޕީއޭ އާއި އެގްރިކަލްޗާ މިނިސްޓްރީން ނަގަންޖެހޭ ހުއްދަތައް ނަގައިގެން ކަމަށާއި އެ ރަށާ ގުޅޭގޮތުން ދޮގު މައުލޫމާތު ފަތުރައިގެން ތިމާވެއްޓާއި މުޖުތަމައަށް ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެ ކަމަށެވެ.