ރާއްޖެ އަންނަ ޓޫރިސްޓުންނަށް ހިދުމަތް ދޭން ހުރި ބެޑްކެޕޭސިޓީ 60،000 އަށްވުރެ މައްޗަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގެ ޓޫރިޒަމްގެ ބެޑް ކެޕޭސިޓީ މި ވަގުތު ހުރީ 60,055 ގައެވެ. އެއީ 167 ރިސޯޓެއްގައި ހުރި 39,897 އެނދާއި 851 ގެސްޓްހައުސެއްގައި ހުރި 17,221 އެނދުގެ އިތުރުން 152 ސަފާރީއެއްގައި ހުރި 2,937 އެނދެވެ.

ބެޑް ކެޕޭސިޓީ 60،055ގައި ހުރި ނަމަވެސް މިހާރު އޮޕަރޭޝަން ކެޕޭސިޓީގެ ގޮތުގައި ހުރީ 54,178 އެނދު ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

އޮޕަރޭޝަން ކެޕޭސިޓީ ބެހިފައިވާ ގޮތް

  • 162 ރިސޯޓު: 38,822 އެނދު
  • 643 ގެސްޓްހައުސް: 12،444 އެނދު
  • 148 ސަފާރީ: 2,912 އެނދު

މީގެ އިތުރުން މާލެ އަތޮޅުގައި 5,786 އެނދު ހުރި އިރު މާލެ ސަރަހައްދުގައި 73 ގެސްޓްހައުސް އެއްގައި 2,338 އެނދު ހުރި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މާފުށީގައި 1578 އެނދު ހުރިއިރު އއ. އަތޮޅުގައި 1,568 އެނދު އެބަހުއްޓެވެ. އަދި އއ. ތޮއްޑޫގައި 45 ގެސްޓްހައުސް ހުންނައިރު މި ތަންތަނުގައި 588 އެނދުގައި ހިދުމަތްދެމުން އެބަދެއެވެ.

ކޮވިޑަށް ފަހު 2020 ޖުލައިގައި ބޯޑަރު ހުޅުވާލިފަހުން ރާއްޖޭގެ ފަތުރުވެރިކަން އަންނަނީ ދުވަހުން ދުވަހަށް ރަނގަޅުވަމުންނެވެ. މިއަހަރު ދެ މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެންނަން ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. އަދި އެކަމަށް ދަނީ މަސައްކަތް ކުރަމުންނެވެ