ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދެނީ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށް، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވިދާޅުވެއްޖެއެވެ.

ޔޫކްރައިން އާއި ރަޝިއާ އާ ދެމެދު ބަދަލުކުރަމުންދާ ހަނގުރާމަ އާއި ގުޅިގެން، ޔޫކްރައިންގައި ކިޔަވަން ތިބި ދަރިވަރުންގެ ތެރެއިން އެނބުރި ރާއްޖެ އައި ދަރިވަރުންނާ މިނިސްޓަރު ވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ އޮފީހުގައި މިއަދު ބައްދަލު ކުރައްވާފައެވެ.

އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ދަރިވަރުންނާ މުހާތަބު ކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް މިނިސްޓްރީން އަހައްމިއްޔަތުކަން ދޭ ކަމަށެވެ. އަދި ބީއެމްއެލް އާއި ސަރުކާރުގެ ވުޒާރާތަކުން ދަރިވަރުން ރާއްޖެ ގެނައުމަށް ކުރި މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޔޫކްރައިންގައި ތިބި ދަރިވަރުން ރާއްޖެ ގެނައުމަށްޓަކައި ފޯރުކޮށްދޭންޖެހޭ މާލީ އެހީތެރިކަން ހުރިހާ ދަރިވަރުންނަށް ފޯރުކޮށްދީފައިވާ ކަމަށް ބުނެފައެވެ.

އެ މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި ރަޝިއާ އިން ޔޫކްރައިނަށް ހަމަލާދޭން ފެށިއިރު، އެ ގައުމުގައި 51 ދަރިވަރުން ތިއްބެވެ. އޭގެ ތެރެއިން 30 ދަރިވަރުން ހަނގުރާމަ ފެށުމުގެ ކުރިން ރާއްޖެ ވަނީ އައިސްފައިވާއިރު، ބާކީ ތިބި ދަރިވަރުންގެ ތެރެއިން 15 ދަރިވަރުން ވަނީ ހޯމަ ދުވަހު ރާއްޖެ އައިސްފައެވެ.

ޔޫކްރައިންގައި އެންމެ ފަހުން ތިބީ ނުވަ ދިވެހިންނެވެ. އެއީ ހަ ދަރިވަރުންނާއި އެއް އާއިލާއެކެވެ. މިހާރު އެ ނުވަ ދިވެހިން ބޯޑަރު ހުރަސްކޮށް ހަންގޭރީއަށް އެތެރެވެފައިވާއިރު، މާދަން އެ ދިވެހިން ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ. އެ ދިވެހިންނާ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ބައްދަލު ކުރެއްވުމަށް ނިންމަވާފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އެހެންކަމުން، ޔޫކްރައިންގައި މިވަގުތު ތިބި ހުރިހާ ދިވެހިން ރައްކާތެރިކަމާއެކު އެ ގައުމުން ބޭރުވެފައިވާއިރު، ރަޝިއާގައި 88 ދަރިވަރުން އަދި ބެލަރޫސްގައި 137 ދަރިވަރުން އެބަ ތިއްބެވެ. އޭގެ ތެރެއިން ބެލަރޫސްގައި ކިޔަވަމުންދާ 11 ދަރިވަރަކު ވަނީ އެނބުރި އައުމަށް އެހީތެރިކަމަށް އެދިފައެވެ. އެ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ފޮރިން މިނިސްޓްރީން އިއްޔެ ބުނެފައިވެއެވެ.