މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލާގައި ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހޯދަން ރެޑް ނޯޓިސް ނެރެފިއެވެ.

ފުލުހުން މިއަދު ބުނީ، ކޯޓަށް ހާޒިރުވުމަށް އަލީ ވަހީދަށް ކުރި އަމުރާ ގުޅިގެން އިންޓަޕޯލުން ނެރުނު ރެޑް ނޯޓިސް އާ ގުޅިގެން، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ ގުޅިގެން އަލީ ވަހީދު ރާއްޖެ ގެނައުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ނަމަވެސް އިންޓަޕޯލްގެ ވެބްސައިޓުގައި އަދި ނޯޓިސް އާންމުކޮށްފައެއް ނުވެއެވެ.

ބޭސްފަރުވާ އަށް ކަމަށް ބުނެ، މިދިޔަ އަހަރުގެ ކުރީކޮޅު އިނގިރޭސިވިލާތަށް ދިޔަ އަލީ ވަހީދު ހައްޔަރުކޮށްގެން ކޯޓަށް ގެނައުމަށް މިދިޔަ ނޮވެމްބަރު މަހު ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވެއެވެ. އަލީ ޝަރީއަތަށް ހާޒިރުނުވާ މައްސަލާގައި، އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް އަމުރެއް ނެރެދެއްވާނެ ކަމަށް، މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވިދާޅުވެފައިވެއެވެ.

ކޯޓުތަކަށް ފިލައި ހުރުމަތް ކަނޑާ މައްސަލައާ ގުޅިގެން އަލީ ވަހީދު ދެ މަހަށް ޖަލަށް ލާން ސުޕްރީމް ކޯޓުން ހުކުމްވެސް ކޮށްފައިވެއެވެ.

އެ މައްސަލައާ ގުޅިގެން، އަލީ ވަހީދު ފުރުވާލުމުގައި ޖާމިނުވި ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީއަށް ފިޔަވަޅު އަޅަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މީގެ ކުރިން އެދިފައިވެއެވެ. ނަމަވެސް އޭނާ ބަންދުކޮށްފައިވަނީ ކޯޓުގެ ހުރުމަތް ކެނޑުމުން، 15 ދުވަހުގެ މުއްދަތަކަށެވެ

އިނގިރޭސިވިލާތުގައި މިހާރު ދިރިއުޅުއްވާ އަލީ ވަހީދު ޝަރީއަތަށް ހާޒިރުނުވެގެން އޭނާގެ މައްޗަށް ކްރިމިނަލް ކޯޓާއި ސުޕްރީމް ކޯޓުން އަމުރު ނެރެފައިވާއިރު، އެ ދެ އަމުރު މިހާތަނަކަށް ތަންފީޒެއް ނުވެއެވެ.

އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާގެ ހަތް ދައުވާއެއް ކޮށްފައިވާއިރު، އެ ދައުވާތައް އޭނާގެ މައްޗަށް ސާބިތުވެއްޖެ ނަމަ، 21 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.