މިދިޔަ އާދީއްތަ ދުވަހު ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް އިއްޔެ ނިޔާވި މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ވިލިމާލެ ދާއިރާގެ މެންބަރު އާމިނަތު އީމާނަށް ކޮންމެ މަހަކު ކައުންސިލުން ދޭ 5،000ރ ގެ އެލަވަންސް ދައުރު ނިމެންދެން އޭނާގެ އާއިލާއަށް ދިނުމަށް ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.

ސިޓީ ކައުންސިލްގެ މިއަދުގެ އާންމު ޖަލްސާގައި، އީމާންގެ އާއިލާއަށް ކޮންމެ މަހަކު 5،000ރ ގެ އެލަވަންސެއް ދިނުމަށް ހުށަހެޅުއްވީ، ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީއެވެ. ނަހުލާ ވިދާޅުވީ، ދައުރުގެ ކުރީކޮޅު ކުއްލިގޮތަކަށް އީމާން ނިޔާވި އިރު، އޭނާގެ ދެ ކުދިން އެބަ ތިބި ކަމަށެވެ. އެހެންވެ، ދައުރު ނިމެންދެން އީމާންގެ އާއިލާއަށް 5،000ރ ގެ އެލަވަންސެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ހުށަހެޅުއްވުން، ހުރިހާ ކައުންސިލަރުންގެ އިއްތިފާގުން ފާސްވެ މެދުކެނދުމެއްނެތި އެ ފައިސާ އީމާނަށް ދިނުމަށް ސަރުކާރަށް ހުށަހެޅުމަށް ވަނީ ނިންމާފައެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އީމާނަށް ލިބެމުން ދިޔަ އެލަވަންސް މެދުކެނޑުމެއް ނެތި އޭނާގެ ދައުރު ނިމެންދެން ދިނުމަށް ފިނޭންސް މިނިސްޓްރީ އާއި އެލްޖީއޭއަށް ހުށަހަޅުއްވާނެ ކަމަށެވެ.

އީމާން ހާލު ދެރަވި އެކްސިޑެންޓު ހިނގަން މެދުވެރިވީ އޭނާ ދުއްވާފައި ދިޔަ މަގުގައި، ކުލަމަޑުކަމުން ބަމްޕަރެއް އޮތްކަން އޭނާއަށް ނޭނގުމުން ދިޔަ ބާރުމިނުގައި ބަމްޕަރުމަތިން ގޮސް ކައްސާލައިގެން ވެއްޓުމުންނެވެ. އީމާން ނިޔާވެފައި ވަނީ އޭޑީކޭގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް އިއްޔެގެ ހެނދުނު 7:42 ގައެވެ.