ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައި ވާ ޔޫކްރައިންގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދެއްވުމަށްޓަކައި ޓައިވާންގެ ރައީސްއާއި އިސްވެރިންތަކެއްގެ މުސާރަ، ޔޫކްރައިންއަށް ހަދިޔާ ކުރައްވަން ނިންމަވައިފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ޓައިވާންގެ ރައީސާ ސައި އިންގް-ވެންއާއި، ނައިބު ރައީސް ވިލިއަމް ލައިގެ އިތުރުން ބޮޑުވަޒީރު ސޭ ސެންގް-ޗޭންގްގެ 1 މަސްދުވަހުގެ މުސާރަ، ޔޫކްރައިންއަށް އިންސާނީ އެހީ ފޯރުކޮށްދެއްވުމަށްޓަކާ ހަދިޔާ ކުރައްވާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ރަޝިއާ އަސްކަރިއްޔާއިން ފުރިހަމަ ބާރާއެކު ޔޫކްރައިންއަށް އަރާ ހަނގުރާމަ ކުރަމުން ދާއިރު މަދަނީ އުމްރާނީ ބިނާވެއްޓަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބެމުން ދާ ކަން ފާހަގަ ކުރަން ޖެހެއެވެ.

އާންމުން ދިރިއުޅޭ އެޕާޓްމަންޓްތަކަށްވެސް ހަމަލާތައް އަމާޒު ކުރަމުން ދާއިރު، އދއިން ވަނީ ޔޫކްރައިންގެ އެކި ކަންކޮޅުތަކުން 12 މިލިއަނެއްހާ މީހުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދޭން ޖެހިފައިވާނެ ކަމަށް ލަފާކޮށްފައެވެ. އަދި ކުރިއަށް އޮތް މަސްތަކުގައި، އަވަށްޓެރި ގައުމުތަކުން އެހީ ބޭނުންވާ ޔޫކްރައިން ރެފިއުޖީންގެ އަދަދު 4 މިލިއަނަށް ވުރެ މައްޗަށް އަރާނެ ކަމަށްވެސް އދއިން ވަނީ އަންދާޒާ ކޮށްފައެވެ.