ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ފ. އަތޮޅު ސްކޫލްގައި ފޮތްކިޔުމަށާއި ކުދިން ކުޅުމަށް ހާއްސަ ތަނެއް ހަދައިފިއެވެ.

'ފަހި މާހައުލު'ގެ ނަމުގައި މި ޕްރޮޖެކްޓް ހިންގާފައިވަނީ ފަތުހުﷲ ޝާތިރު ކަމަށް ބީއެމްއެލް އިން ބުނެއެވެ. ބީއެމްއެލް އިން ބުނީ މިއީ ކުޑަކުދިން ހިތުގައި އުނގެނުމަށް ޝައުގުވެރިކަން އުފައްދައި ކިޔެވުމުގައި ފަހި މާހައުލެއް ގާއިމް ކޮށްދިނުމުގެ އަމާޒުގައި ހިންގި ޕްރޮޖެކްޓެއް ކަމަށެވެ.

މިގޮތުން ސްކޫލްގެ ފައުންޑޭޝަން ސްޓޭޖް ކްލާސް ރޫމްގައި ފޮތްކިޔުމަށާއި ކުދިން ކުޅުމަށް ގާއިމް ކޮށްފައިވާ މިތަނުގައި ބީން ބޭގް ބަހައްޓައި، ފޮތާއި ކިޔުމަށް ބޭނުންކުރާ އެހެނިހެން ތަކެއްޗާއި ކުޅޭ ސާމާނު ހިމަނާފައިވާ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

މި ޕްރޮޖެކްޓާ ގުޅޭ ގޮތުން ފަތުހުﷲ ބުނީ، މި ތަނުގެ ސަބަބުން ކިޔެވުމަށް ކުދިންގެ ޝައުގުވެރިކަން އިތުރުވުމަށް މަގުފަހިވެގެން ދާނެ ކަމަށެވެ.

މިގާއިމް ކުރެވުނު ތަނުގެ ސަބަބުން ކިޔެވުމަށް ކުދިންގެ ޝައުގުވެރިކަން އިތުރުވުމަށް މަގުފަހިވެގެންދާނެ. މިފަދަ މުހިންމު ޕްރޮޖެކްޓަށް ފަންޑުކޮށްދެއްވި ކަމަށްޓަކައި ފ. އަތޮޅު ސްކޫލްގެ ނަމުގައި އާއި ފީއަލީގެ ރައްޔިތުންގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް އަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން.
ޕްރޮޖެކްޓް ހިންގި ފަތުހުﷲ ޝާތިރު

ބީއެމްއެލް ކޮމިއުނިޓީ ފަންޑަަކީ އާންމު ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކަށް އަމާޒުކޮށްގެން ރަށްރަށުގައި ދެމެހެއްޓެނެވި ގޮތެއްގައި ޕްރޮޖެކްޓް ހިންގުމަށް ހުޅުވާލެވޭ ފުރުސަތެކެވެ. މިގޮތުން ކޮންމެ ކުއާޓާއެއްގައި 5 ޕްރޮޕޯސަލް ހޮވައި ކޮންމެ ޕްރޮޖެކްޓެއް ހިންގުމަށް 50،000 ރުފިޔާގެ މާލީ އެހީތެރިކަން ބީއެމްއެލްއިން ފޯރުކޮށްދެއެވެ.