އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕާ މަޝްވަރާ ނުކޮށް މާލީ ބަޔާނަށް ދޮގު ހަދައިފި ނަމަ ބޮޑެތި އަދަބުތަކެއް ދެވޭ ގޮތަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ބިލެއް ހުށައެޅުއްވުމުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މިއަދު ނުރުހުން ފާޅުކުރައްވައިފިއެވެ.

އެ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ ބިލަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށާއި ނަމަވެސް އެއީ އުސޫލާ ހިލާފަށް ހުށަހެޅުއްވި ބިލަކަށްވުމުން އެ ބިލަށް ވޯޓު ނުދެއްވާނެ ކަމަށެވެ. އަދި އީވާ ބިލު ހުށަހެޅުއްވި ގޮތާ މެދު ކަންބޮޑުވުންތަކެއް ހުރިކަމަށް ވިދާޅުވިއެވެ.

އެ ބިލުގައި ބަޔާންކޮށްފައިވާ ކުށުގެ އަދަބަކީ އެ މީހަކު މަގާމުން ވަކި ކުރުމާއި ދެ އަހަރަށް ޖަލަށްލުން އަދި މައްސަލައިގެ ކުޑަބޮޑު މިނަށް ބަލައި 500،000 ރުފިޔާއިން ޖޫރިމަނާ ކުރުމެވެ. އަދި އެ މީހެއްްގެ މައްސަލަ ތަހުގީގު ކުރުމަށް ކަމާބެހޭ މުއައްސަސާއަކަށް ފޮނުވަން ޖެހޭނެ ކަމަށާއި އެ މައްސަލަ 30 ދުވަހުގެ ތެރޭގައި ތަހުގީގުކޮށް ޝަރީއަތަށް ހުށަހަޅާ ކޯޓުތަކުން ވެސް 60 ދުވަސް ތެރޭގައި އެ މައްސަލާގައި ހުކުމް ކުރަން ޖެހޭނެ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެއެވެ.

މީގެ އިތުރުން މާލީ ބަޔާންތަކުގެ މައުލޫމާތު ސައްހަކަން ކަށަވަރު ކުރާ މިނިވަން މުއައްސަސާ ނުވަތަ އިދާރާ އިން އަންގާ އެންގުމާ ހިލާފުވާ ނަމަ ގިނަވެގެން 100،000 ރުފިޔާ އިން ޖޫރިމަނާ ކުރާނެ ކަމަށާއި އެކަން ތަކުރާރު ކުރާ ނަމަ ގިނަވެގެން 500،00 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށް އެ ބިލުގައިވެއެވެ. އަދި މާލީ ބަޔާން ހުށަހެޅުމަށް ބިލުގައި ބުނާ މުއްދަތަށް ވުރެ ލަސްވިޔަސް ކުޑަބޮޑު މިނަށް ބަލައި ގިނަވެގެން 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް އެ ބިލުގައި ވަނީ ބުނެފައެވެ.

ރޮޒައިނާ ވިދާޅުވީ އެމްޑީޕީ ޕީޖީގެ ގަވާއިދު ބުނާ ގޮތުން ކޮންމެ މެންބަރެއް ވެސް ބިލު ހުށަހެޅުމުގެ ކުރިން ޕީޖީ ގުރޫޕަށް އެ ބިލު ހުށައަޅާ މަޝްވަރާކުރަން ޖެހޭ ކަމަށެވެ.

"އަޅުގަނޑަށް ހެޔޮ އަޅުގަނޑު އެކައުންޓު ތެރެއަށް އެރި ތިއްބަސް. އަޅުގަނޑުގެ ނޯންނާނެ ފޮރުވަން ޖެހޭ އެއްޗެއް. ކޮރަޕްޝަނުން ހިންގި އެއްވެސް އަމަލެއް ނޯންނާނެ. އަޅުގަނޑަށް ހެޔޮ ހުރިހާ ރައްޔިތުން ބޭންކަށް ގުޅައިގެން އެކައުންޓު ބެލެންސް ބެލިޔަސް. އަތުގައި ހުރި މުދަލަށް ބެލިޔަސް ޝެއާއެއް އޮތް ކުންފުންޏަކަށް ބެލިޔަސް އެއްވެސް މައްސަލައެއް ނެތް"
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް

ރޮޒައިނާ ވިދާޅުވީ އެ ގޮތަށް މަޝްވަރާ ނުކޮށް މަޖިލީހަށް ހުށަހަޅާ ބިލުތައް މަޖިލީހުން ބަލައި ނުގަންނަ ހާލަތްތައް ވެސް މީގެ ކުރިން ދިމާވެފައިވާ ކަމަށާއި އެމްޑީޕީއަކީ އުސޫލު ހިފަހައްޓާ ޕާޓީއަކަށް ވާން ޖެހޭ ކަމަށާއި ގަވާއިދުތަކާ އެއްގޮތަށް ހިނގާ ޕާޓީއަކަށް ވާން ޖެހޭ ކަމަށެވެ.