ހުޅުމާލޭގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި މާލޭ ސިޓީގެ ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު އުމުރުން 29 އަހަރުގެ އާމިނަތު އީމާން މިއަދު ނިޔާވެއްޖއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އައްފާލު ވިދާޅުވީ މިއަދު ހެނދުނު 7:42ގައި އީމާންގެ ނިޔާވެފައިވާ ކަމަށް ނިންމާފައިވާ ކަމަށެވެ.

އީމާން ނިޔާވީ ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށެވެ.

އީމާން ހާލު ދެރަވި އެކްސިޑެންޓު ހިނގަން މެދުވެރިވީ އޭނާ ދުއްވާފައި ދިޔަ މަގުގައި، ކުލަމަޑުކަމުން ބަމްޕަރެއް އޮތްކަން އޭނާއަށް ނޭނގުމުން ދިޔަ ބާރުމިނުގައި ބަމްޕަރުމަތިން ގޮސް ކައްސާލައިގެން ވެއްޓުމުންނެވެ.

އީމާން، ސައިކަލުން ވެއްޓިފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ވަނީ އާންމު ވެފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އޭނާ ވެއްޓިފައި އޮތް އިރު ބޮލާ ދިމާލުން މަގުމައްޗަށް ލޭ ފައިބައިފާ ހުއްޓެވެ.

މި އެކްސިޑެންޓު ހިނގާފައި ވަނީ ހުޅުމާލެ ކުރެދިމާ ހިނގުމުން އާދީއްތަ ދުވަހު ހަވީރު 4:25 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.