ހިންމަފުށި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރިޓް ގަލުގެ އެންމެފަހު ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް މިހާރު ގެންގޮސްފިއެވެ.

އެމްޓީސީސީއިން ބުނީ އެ މަޝްރޫއުގެ އެއްގަމު ތޮށި ލުމުގެ މަސައްކަތުގެ 81 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން، 28،760 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 38 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 287 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނޭ ކަމަށެވެ.

އޭގެ އިތުރުން 172 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި 772 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭމަންޓް ހެދުމާއި ނެރުބައްތި ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

ހިންމަފުށީ ބަނދަރު ތަރައްގީ ކުރުމުގެ 02 ވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ މާޗް މަހުގައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއަކީ 24.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.