ރ. މަޑުއްވަރީގައި ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް ތައާރަފު ކޮށްފިއެވެ.
މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
ބީއެމްއެލްއިން ބުނީ މިއަދު ފެށުނު އޭޓީއެމް ހިދުމަތާއެކު މިވަގުތު ރ. އަތޮޅު އުނގޫފާރު އަދި މީދޫގައި ސެލްފް ސާވިސް ބޭންކިން އާއެކު ގާއިމްކޮށްފައިވާ ދެ ބްރާންޗް މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދެމުންދާ ކަމަށެވެ.
މީގެ އިތުރުން 3 ރަށެއްގައި ސެލްފް ސާވިސް އޭޓީއެމް ސެންޓަރުތައް ގާއިމްކޮށްފައިވާ ކަމަށް ވެސް ބީއެމްއެލް އިން ބުނެއެވެ. މި ރަށްތަކަކީ އަލިފުށި، ދުވާފަރު އަދި މަޑުއްވަރީއެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލް ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މަޑުއްވަރީގައި ހުޅުވި އޭޓީއެމް ސެންޓަރުން ދައްކުވައިދެނީ އަތޮޅު ތެރޭގައި ފަސޭހަކަމާއެކު ހިދުމަތް ފޯރުކޮށްދިނުމާއި ބޭންކިން ހިދުމަތް ފުޅާކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތް ކަމަށެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 79 ސެލްފްސާވިސް ބޭންކިން ސެންޓަރު، 137 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ ހިދުމަތް ލިބެއެވެ.