މެރިންކޯގެ އެލީޓް ޔުނިޓު ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕް (އެސްއޯޖީ) މިއަދު އިފްތިތާހުކޮށްފިއެވެ.

ސިފައިން ތަމްރީނުތައް ބާއްވަމުންދާ ގިރިފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެސްއޯޖީ އިފްތިތާހުކޮށްދެއްވާފައި ވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެވެ.

މިއަދު އިފްތިތާހުކުރި އެސްއޯޖީ އަކީ އެމްއެންޑީއެފްގެ ސްޓްރެޓަޖިކް ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި، އެއްގަމާއި ކަނޑުގައި ހިންގަންޖެހޭ ހާއްސަ އޮޕަރޭޝަންތައް ހިންގުމާއި އަދި ކުއްލި ނުރައްކަލުގެ ހާލަތުގައި ހަރަކާތްތެރިވާ ޔުނިޓެއްގެ ގޮތުގައި ހާއްސަ އޮޕަރޭޝަންތަކެއް ހިންގުމަށް އަލަށް އެކުލަވާލާފައިވާ ޔުނިޓެކެވެ.

ސިފައިންގެ އެސްއޯ ގްރޫޕް އިފްތިތާހު ކުރުން / ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފުން ބުނި ގޮތުގައި މި ޔުނިޓު އިފްތިތާހު ކޮށްފައިވަނީ، ޔުނިޓުގެ ޒިންމާތައް އަދާކުރުމަށް ބޭނުންވާނޭ ހުނަރު، ނުވަ މަސްދުވަހަށް ހިންގި ކޯހެއްގެ ތެރެއިން އުގަންނައި ދިނުމަށް ފަހުގައެވެ. އެމްއެންޑީއެފްގެ މާލޭ އޭރިއާ ކޮމާންޑާއި، ހުޅުލޭ ޕޯސްޓާއި، އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާ ކޮމާންޑުން ލ. ކައްދޫގައި ހިންގި މި ކޯހުގައި އެސްއޯޖީއަށް ނިސްބަތްވާ 30 ސިފައިން ބައިވެރިވެފައިވާއިރު، ހުރިހާ ބައިވެރިންވެސް ވަނީ ކާމިޔާބު ކަމާއެކު ކޯސް ފުރިހަމަކޮށްފައެވެ.

އެސްއޯޖީ އިފްތިތާހުކުރަން ބޭއްވި ރަސްމިއްޔާތުގައި އެ ޔުނިޓުން އޮޕަރޭޝަންތައް ހިންގާ ގޮތް ވަނީ ދައްކާލާފައެވެ. އެގޮތުން ޓެރަރިސްޓުންގެ ސްޓްރޯންގްހޯލްޑެއް ނައްތާލާނެ ގޮތުގެ ރެއިޑް އޮޕަރޭޝަނެއް ހިންގާ ގޮތާއި، އެކި ޒާތުގެ ގޮވާތަކެތި ބޭނުންކޮށްގެން އިމާރާތެއް ގޮއްވާލުމާއި، މެކޭނިކަލް އާއި ގޮވާތަކެތި ބްރީޗްކޮށް ރޫމްތަކަށް ވަދެ ރޫމް ކްލިއާ ކުރާނެ ގޮތްތައް ދައްކާލާފައިވެއެވެ.

ސިފައިންގެ އެސްއޯ ގްރޫޕް އިފްތިތާހު ކުރުން / ފޮޓޯ: އެމްއެންޑީއެފް

މިއަދުގެ ރަސްމިއްޔާތުގައި އެ ސިފައިންނަށް ކޯސް ފުރިހަމަކުރި ކަމުގެ ބެޖާއި، އެސްއޯޖީ ޔުނިޓުގެ ޓެބާއި، ފްލޭޝް އަދި ބެރޭގެ އިތުރުން، މަގާމުގެ ކުރިއެރުން ހަވާލުކޮށްދެއްވީ މިނިސްޓަރު މާރިޔާއެވެ. މަގާމުގެ ރޭންކު ހަވާލުކޮށްދީފައިވަނީ އެ ސިފައިންގެ އާއިލާ މެންބަރުންނެވެ. އަދި އެސްއޯޖީގެ ސިފައިންނަށް ބެޖާއި ސެޓްފިކެޓް، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ހަވާލު ކޮށްދެއްވާފައިވާއިރު، ޓެބް ހަރުކޮށްދެއްވީ ވައިސް ޗީފް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފެވެ.