މިދިޔަ މަހު ޖެންޑާ މިނިސްޓްރީއަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ އާ ގުޅޭ މައްސަލަތަށް ކަމަށް، ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

ޖެންޑާ މިނިސްޓްރީން އިއްޔެ އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ޖެނުއަރީ މަހު އެ މިނިސްޓްރީއަށް ޖުމްލަ 254 މައްސަލައެއް ހުށަހަޅައި، އެ މައްސަލަތައް ބަލާފައިވެއެވެ. އޭގެ ތެރެއިންވެސް އެންމެ ގިނައިން ހުށަހަޅާފައިވަނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތްތަކުގެ އަނިޔާތަކުގެ މައްސަލައެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ އާ ގުޅޭ ތަފާތު 105 މައްސަލައެއް ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ގެވެށި އަނިޔާގެ އަމަލު ކުޑަކުއްޖަކަށް ދެއްކުމުގެ މައްސަަލައެވެ. އެގޮތުން، އެ ބާވަތުގެ 21 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، ކުޑަކުދިންނަށް ކުރާ ޖިންސީ ހާނިއްކައިގެ 20 މައްސަލައެއް، އިހުމާލުވުމުގެ 20 މައްސަލައެއް ހުށަހަޅާފައިވެއެވެ. އޭގެ އިތުރުން ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ގުޅޭގޮތުން ހުށަހަޅާފައިވާ އިތުރުު މައްސަލަތަކަކީ:

  • ޖިސްމާނީ ހާނިއްކަ: 14 މައްސަލަ
  • ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ބޭނުންކުރުން: 11 މައްސަލަ
  • ނަފްސާނީ ހާނިއްކަ: 10 މައްސަލަ
  • ނަހަމަ ގޮތުގައި ބޭނުންކުރުން: ހަ މައްސަލަ
  • ފުރައްސާރައިގެ ޝިކާރައަކަށް ވުން: ތިން މައްސަލަ

ދެން އެންމެ ގިނައިން ހުށަހަޅާފައިވަނީ ގެވެށި އަނިޔާއާއި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ ބާވަތްތަކުގެ މައްސަލައެވެ. އެގޮތުން، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 56 މައްސަލައެއް ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ ޖިސްމާނީ އަނިޔާ ކުރުމުގެ މައްސަލަތަކެވެ. އެ ބާވަތުގެ 24 މައްސަލައެއް ރިޕޯޓްކޮށްފައިވާއިރު، ނަފްސާނީ އަނިޔާކުރުން، ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ 14 މައްސަލައަކާއި، ބިރު ދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ ހަތް މައްސަލައަކާއި، ޖިންސީ ހާނިއްކަ ކުރުމުގެ ފަސް މައްސަލައަކާއި، ރޭޕްގެ ފަސް މައްސަލައެއްގެ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ހިމެނެއެވެ.

އެއަށްފަހު، ދެން ހުށަހަޅާފައިވަނީ އާއިލީ މައްސަލަތަކުގެ 38 މައްސަލައަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 18 މައްސަލައަކާއި، ހައްގުތަކުން ކުޑަކުދިން މަހްރޫމުކުރުމުގެ 13 މައްސަލައެއްގެ އިތުރުން، އަހުލާގާ ގުޅުން ހުރި 13 މައްސަލައެކެވެ.

އަދި އަމިއްލަ ނަފުސަށް ގެއްލުން ދިނުމުގެ 11 މައްސަލައެއް ހުށަހަޅާފައިވާ ކަމަށްވެސް ޖެންޑާ މިނިސްޓްރީން ބުންޏެވެ. އޭގެ ތެރޭގައި އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުގެ ހަތަރު މައްސަލައަކާއި، އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ ހަތަރު މައްސަލައެއް އަދި އަމިއްލައަށް މަރުވާން ހިޔާލު އައުމުގެ ތިން މައްސަލައެއް ހިމެނެއެވެ.

ޖެންޑާ މިނިސްޓްރީން ބުނި ގޮތުގައި މިދިޔަ މަހު ދައުލަތުގެ ބެލުމުގެ ދަށަށް ހަ ކުއްޖަކު ނަގާފައިވާއިރު، އަށް ކުދިން ރީއިންޓަގްރޭޓް ކޮށްފައިވެއެވެ. މިދިޔަ މަސް ނިމުނުއިރު، ދައުލަތުގެ ބެލުމުގެ ދަށުގައި 195 ކުދިން އެބަ ތިއްބެވެ.