ވިލާތުގެ ޑިމޮކްރަސީގެ ފޮނި މީރުކަން ދެކެމުންދިޔަ 44 މިލިއަން މީހުންގެ އާބާދީއެއް އޮތް ޔޫކްރައިންއަށް، އެއްގަމާ، ކަނޑާއި ވައިގެ މަގުން ރަޝިއާގެ އަސްކަރިއްޔާ އަރާ، ވަރުގަދަ ހަމަލާތަކެއް ދޭން ފެށީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ޔޫކްރައިންގެ 2 ވަނައަށް އެންމެ ބޮޑު ސިޓީވެސް ރަޝިއާގެ ކޮންޓްރޯލްގެ ދަށަށް ގެންދިޔަ މަންޒަރު ފެނިފައި ވާއިރު، ވެރިރަށް ކިއޭވް ވަށާލައިގެން ތިބީވެސް ރަޝިއާ ސިފައިން ކަމަށް ހަބަރު ލިބެއެވެ.

އަވަށްޓެރި ޔޫކްރައިންއަށް މިފަދަ ބާރަކާއެކު ރަޝިއާއިން އަރާފާނެ ކަމަށް ހުޅަނގުން ކުރަމުން ދިޔަ ތުހުމަތުތަކަށް، ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިން އިންކާރު ކުރައްވާތާ އެތައް މަހެއް ވެއްޖެއެވެ. ނަމަވެސް ސުލްހައަކާ ސުލްހައެއް ކަމުގައި ވިދާޅުވާ ބީދައިން، ޔޫކްރައިންގެ އިރާއި، އުތުރު އަދި ދެކުނުން ރަޝިއާގެ ފައުޖުތައް ޔޫކްރައިންއަށް ވަދެގަތީ، ހުދު ޕޫޓިންގެ އަމުރުފުޅަކަށެވެ.

ރަޝިޔާގެ ދިފާއީ ވަޒީރު ސެރެގޭއީ ޝޮއިގޫ (ވާތުން 2 ވަނަ) އަދި ރަޝިޔާގެ ރައީސް ވްލޭޑްމިއާ ޕޫޓިން (ވާތުން 3 ވަނަ) ހާއްސަ ދިފާއީ ބައްދަލުވުމެއްގައި/ފޮޓޯ: އީޕީއޭ

ރަޝިއާގެ އުދުވާންތަކާ ގުޅިގެން ހިންގަމުންދާ ހަމަނުޖެހުންތަކުގައި މަރުވާ އާންމުންގެ އަދަދުވެސް އިތުރުވަމުން ދާއިރު، ވިލާތުގެ ސުލްހަ ނަގާލެއްވި ކަމުގެ ތުހުމަތުގެ އިނގިލި އަމާޒުވަނީވެސް ހަމަ ޕޫޓިންއަށެވެ. ހަނގުރާމާގައި ދެން ކަން ވެގެންދާ ގޮތަކުން، މުޅި ވިލާތު ބައްރުގެ ސަލާމަތީ ނިޒާމު އެފުށް މިފުށަށް ޖެހިދިއުން އޮތީވެސް މާ ދުރަކު ނޫންކަން ފާހަގަ ކުރަން ޖެހެއެވެ.

ފެބުރުއަރީ 24، 2022 ވަނަ ދުވަހަށް އަލިވިލެމުން ދިޔައިރު ޔޫކްރޭނުން ބާރުގަދަ ގޮވުންތަކުގެ އަޑުފަށްގަނޑު އިވެމުން ދިޔައެވެ. ރަޝިއާއަށް ރައްކާތެރިކަން އިހްސާސް ނުކުރެވޭ ކަމަށް އޭރު ޕޫޓިން އޮތީ ވިދާޅުވެފައެވެ. ރަޝިއާގެ ދެމި އޮތުމަށް، ޔޫކްރައިންގެ ސަބަބުން ނުރައްކާ ކުރިމަތިވާ ކަމަށް ޕޫޓިން ވިދާޅުވިއެވެ.

ރަޝިޔާގެ ރައީސް ވްލޭޑްމިއާ ޕޫޓިން/ފޮޓޯ: ރޮއިޓާޒް

އެންމެ ފުރަތަމަ ހަމަލާ އަމާޒު ކުރީ އެއާޕޯޓްތަކާއި އަސްކަރީ ހެޑްކުއާޓަރުތަކަށެވެ. އެއަށްފަހު ޓޭންކަރާއި ސިފައިން، އެއްގަމު މަގުން ޔޫކްރޭނަށް އެރިއެވެ. ރަޝިއާއިން އެނެކްސްއެއްގެ ގޮތުގައި ނެގި ކްރައިމިއާއާއި ބެލަރޫސްއާ ވީ ސަރަހައްދުންނެވެ.

ހުއްޖަތެއް ކަމުގައި ޕޫޓިން ވިދާޅުވީ އަމިއްލަ ވަޒަނުގެ މީހުން ހިމާޔަތް ކުރެއްވުން ކަމަށެވެ. އަދި ޔޫކްރޭނުން ހަތިޔާރުގެ ބާރުވެރިކަން ނައްތާލެއްވުން ކަމަށެވެ. ރަޝިއާއަށް ތާއީދު ކުރާ މީހުންނާ ދެކޮޅަށް ޔޫކްރޭނުން ގަތުލުއާންމު ހިންގާ ކަމަށް ތުހުމަތު ކުރައްވާ، އެކަމަށް ނިމުން ގެންނެވުން ކަމަށެވެ. ޕޫޓިންގެ ހުއްޖަތުގައި މާ ބޮޑު ބުރަދަނެއް ނެތް ކަމަށް ބައިނަލްއަގުވާމީ މުޖުތަމައު އިއްތިފާގު ވާ ފަދައެވެ. ޔޫކްރޭނުން ގަތުލުއާންމު ހިންގާ ކަމަށް އިއްތިފާގުވާނެ މީހަކު ނެތެވެ.

ރަޝިއާއިން ބޭނުންކުރާ ޒަމާނީ ޓޭކްން

ރަޝިއާއަށް ތާއީދު ކުރައްވަމުން ގެންދެވި ޔޫކްރޭންގެ ކުރީގެ ރައީސް، ވިކްޓާ ޔަނުކޮވިޗްގެ ވެރިކަމުގައި 2014 ވަނަ އަހަރު ސިއްޖަ ޖަހާ، ޔޫކްރައިންގެ އާ ސަރުކާރު އެކުލަވާލި ފަހުން، ޔޫކްރޭނަކީ ހައްދު ފަހަނައަޅާފައި ވާ ބަޔަކު އުޅޭ ގައުމެއް ކަމަށް ޕޫޓިން ގެންދަވަނީ ސިފަ ކުރައްވަމުންނެވެ.

ރަޝިއާއިން އެފަހަރު ޔޫކްރޭނާ ކުރިމަތިލާ، ކްރައިމިއާ އަކީ ރަޝިއާގެ ސަރަހައްދެއް ކަމުގައި ކަނޑައެޅިއެވެ. އަދި ޔޫކްރައިންގެ އިރުމަތީ ސަރަހައްދުތަކަކީ ރަޝިއާއަށް ތާއީދު ކުރާ ބަޔަކު ދިރިއުޅޭ ސަރަހައްދެއް ކަމުގައި ހަދާ، ޔޫކްރައިންގެ މައި ސަރުކާރުން ވަކިވެގަތުމުގެ ފިކުރު އެ ސަރަހައްދުގައި ވަރުގަދަ ކުރިއެވެ. އެ ކުރިމަތިލުންތަކުގައި 14000 އެއްހާ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ.

ރަޝިއާގެ ހަމަލާގައި މަރުވެފައި ވާ މީހެއްގެ ހަށިގަނޑުކަރީގައި އިށީނދެގެން އިން މީހަކު ރޮނީ

ޔޫކްރައިންއާ ރަޝިއާ ހިއްސާ ކުރާ ބޯޑަރު ސަރަހައްދުގައި ރަޝިއާއިން އަސްކަރީ ސަފުތައް ރުކުރުވާން ފެށީ 2021 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. ހަމަލާއެއް ދޭން އުޅޭ ކަމަށް ކުރާ ހުރިހާ ތުހުމަތަކަށް ރަޝިއާ ދިޔައީ އިންކާރު ކުރަމުންނެވެ. 2015 ވަނަ އަހަރު އެކުލަވާލި ސުލްހައިގެ އެއްބަސްވުމެއްގައި ޕޫޓިން ކޮޅުފައިން ޖައްސަވާ، އިރުމަތީ ސަރަހައްދުތަކަކީ މިނިވަން ދައުލަތްތަކެއްގެ ގޮތުގައި ބަލައިގެންނެވިއެވެ.

ވިލާތުގެ އިއްތިހާދާއި، ހުޅަނގުގެ ދިފާއީ އިއްތިހާދު (ނޭޓޯ) އާ ދިމާއަށް ޔޫކްރޭނުން ލެނބެމުންދާ ލެނބުމަކީ ޕޫޓިންއަށް ބައްލަވަން މާ ފަސޭހަ މަންޒަރަކަށް ނުވެއެވެ. ނޭޓޯގެ ސަބަބުން ރަޝިއާގެ މުސްތަގުބަލަށް ނުރައްކާ ވާ ކަމަށް ޕޫޓިން ތުހުމަތު ކުރައްވާ، ހުއްޖަތު ދައްކަވައެވެ.

ޔޫކްރައިންގެ އާ ރައީސް ވްލޯޑޮމީރު ޒެލެންސްކީގެ ތަރީހީ ޕްރެސް ކޮންފަރަންސްގެ ތެރެއިން/ފޮޓޯ: 112 އިންޓަނޭޝަނަލް

ޔޫކްރެއިންގެ ވެރިކަމުގެ މައިދާން "ސާފު" ކުރުމަކީ ޕޫޓިންގެ މަގުސަދެއް ކަމުގައި ގިނަ ބަޔަކު ތުހުމަތު ކުރެއެވެ. ރަޝިއާގެ ފުރަތަމަ އަމާޒަކީ ހުދު އެމަނިކުފާނު ކަމަށް ޔޫކްރައިންގެ ރައީސް ވްލޮޑޮމީރް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ. އަދި ދެވަނަ އަމާޒަކީ އޭނާގެ އާއިލާ ކަމަށްވެސް ޒެލެންސްކީ ވަނީ ވިދާޅުވެފައެވެ.

ކަން މިހެން އޮތް އިރު ރަޝިއާއިން ޔޫކްރައިންގައި ހިންގަމުންދާ ޖަރީމާތަކުގެ ހަގީގީ މަގުސަދެއް ސާފެއް ނުވެއެވެ. އެނގޭހާވެސް ކަމަކީ ރަޝިއާގެ އަމަލުތަކުގެ ސަބަބުން މުޅި ވިލާތު ބައްރަށް ނުރައްކާ އޮތް ކަމެވެ. ނުވިތާކަށް މި ހަނގުރާމައަކީ ޔޫކްރައިންގެ އިތުރުން ރަޝިއާގެ އާންމުންވެސް ތައްޔާރުވެގެން އޮތް ހަނގުރާމައެއް ނޫންކަން ފާހަގަ ކުރަން ޖެހެއެވެ.

ރަޝިއާއިން ކުރާ ހަނގުރާމައެއްގެ ސަބަބުން، މުޅި ދުނިޔެއަށް އެ ކަމުގެ އަސަރު ނުފޯރާ ދިއުން ނާދިރެވެ. ރަޝިއާއަކީ ބައިނަލްއަގުވާމީ ފެންވަރުގައި 2 ވަނައަށް އެންމެ ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރި ކުރާ ގައުމެވެ. އަދި 1 ނަމްބަރު ގުދުރަތީ ގޭސް ސަޕްލަޔަރެވެ.